ޖީބުގައި އޮތީ ރައްޓެއްސަކަށް ލަނޑެއް ދޭން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށް ބުނި މީހަކު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

އައްޑޫ މަރަދޫ އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މި މީހާ ހައްޔަރުކޮށް، ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާތިކުރާ ކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ނެރެފައިވާ އަމުރުގައިވާ ގޮތުން، އޭނާ ލައިގެން ހުރި ޖިންސުގެ ވާތް ފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ދިފާއުގައި އޭނާ ބުނީ، ޖީބުން ފެނުނު ޕެކެޓަކީ އޭނާގެ ރައްޓެއްސަކަށް ލަނޑެއް ދިނުމަށް ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ، އެ މައްސަލައިގައި ފެނުނު ތަކެއްޗަކީ ގޮދަން ފުށް ކަމަށް އޭނާ ބުނާތީ އެ ތަކެތި އަވަހަށް ތަހްލީލުކުރުން މުހިންމު ކަމަށެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑު ކުރިން އޮތް މީހަކަށް ވާއިރު، އޭނާ ބަންދުކުރަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް، ކޯޓު އަމުރުގައިވެއެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމުގެ ހެކި ކޮންމެވެސް މިންވަރަކަށް ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އޭނާ ވަކީލަކާ އެއްކޮށް ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނުމުން، ގާޒީ ސަފްވަތު ހަބީބު ވަނީ ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދިނުމަށް އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފައެވެ.