ސިނަމާލެ ބްރިޖްގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓުވި މަންޒަރު ފެންނަ ވީޑިއޯ އާންމު ވެއްޖެއެވެ.

ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވީ މިމަހު 16 ވަނަ ދުވަހު މެންދުރު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި ހާދިސާގައެވެ. އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓުވި މަންޒަރު ފެންނަ ވީޑިއޯ މިހާރު އާންމުވެފައި ވާއިރު ވީޑިއޯއިން ފެންނަނީ ޓްރެފިކް ލައިޓުގެ ރަތް ސިގްނަލް ދިއްލިފައި ވަނިކޮށް އޭނާ ބާރު ސްޕީޑުގައި ދިނަ މަންޒަރެވެ. އަދި އެވަގުތު ހުޅުމާލެއިން އެއާޕޯޓަށް ދިޔަ ކާރުގައި އެސައިކަލް ޖެހި ޖަމްބޯ ވެއްޓޭ މަންޒަރު ފެނިގެން ދެއެވެ.

އެކްސިޑެންޓުގައި އޭނާ ކާރުގައި ޖެހުނުލެއް ބާރުކަމުން ހެލްމެޓުވެސް ވިއްސައިގެން ދިޔަ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.

ޖަމްބޯ އިއްސެ އެކްސިޑެންޓް ވުމުން ހޮސްޕިޓަލަށް ގެންދަން ކާރަކަށް އަރުވަނީ

ފުލުހުން ބުނީ ބްރިޖް ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ހާއިރު ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ބެންކޮކްގައި 22 އަހަރު ދިރިއުޅުމަށް ފަހު މިދިޔަ މަހުގެ ކުރީކޮޅު ޖަމްބޯ ރާއްޖެ އައީ އާއިލާގެ މީހުންނާއި ބައެއް ރައްޓެހިންނާ ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ބައްދަލު ކުރުމަށް ކަމަށް އޭނާގެ ބައެއް އެކުވެރިންގެ ފަރާތުން ވަނީ މައުލޫމަތު ލިބިފައެވެ. އަދި ރާއްޖެ އައިސް ފުވައްމުލަކަށް ވެސް މިދިޔަ މަހު ދިޔައެވެ.

އޭނާ އަކީ ފުވައްމުލަކު ގިނަ ވިޔަފާރިވެރިންނާ ގާތް މީހަކަށް ވުމުގެ އިތުރުން ފައިވާނުގެ ވިޔަފާރީގައި އުޅޭ ގިނަ ބަޔު ދަންނަ ރަހުމަތްތެރިއެކެވެ.