ލޯންޗެއްގައި ގިނަ އަދަދެއްގެ ބަނގުރާ މާލެ އަށް އެތެރެކުރި މީހެއްގެ ޖަލު ހުކުމް ލުއިކޮށް 13،400ރ އިން ޖޫރިމަނާ ކޮށްފިއެވެ.

މީގެ ތިން އަހަރު ކުރިން ލޯންޗެއްގައި މާލެ އަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ ލޯންޗު އޮތް ސަރަހައްދަށް ގޮސް އެ ލޯންޗަށް އަރައި ބަނގުރާ ހުރިތޯ ބަލާ ފާސްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް ލޯންޗު ބަލައި ފާސްކުރިއިރު:

  • ކޯސްޓު ބްރޭންޑްގެ ފޮށިގަނޑެއްގެ ތެރެއިން 12 ފުޅީގެ އެއް ކޭސް ރާ ފެނިފައިވޭ
  • އެ ފޮށިގަނޑުގެ ތެރެއިން އިތުރު ހަތް ފުޅި ރާ ފެނިފައިވޭ
  • ލޯންޗުގެ ގޮނޑިދަށުގައި އޮތް ފޮށިގަނޑަކުން 11 ފުޅި ރާ ފެނިފައިވޭ

އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހްލީލުކުރުމުން ވަނީ ބަނގުރަލަށް ޕޮޒިޓިވްވެފައެވެ. އެހެންވެ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލައިފައެވެ.

ނަމަވެސް އޭނާ އެ ދައުވާ އަށް އިންކާރުކުރިއެވެ.

އެ މައްސަލައިގައި ދިފާއީ ހެކިން ބުނެފައިވަނީ ދައުވާ ލިބޭ މީހާ އަކީ ލޯންޗު ކައްޕިއެއް ކަމަށާއި، ލޯންޗަށް އަރުވާ ހުރިހާ ތަކެތި ހުޅުވައި ބަލާ ނުހަދާ ކަމަށެވެ. އަދި ލޯންޗަށް ތަކެތި އަރުވަނީ ފަޅުވެރިން ކަމަށާއި، އަދި ލޯންޗަށް އަރުވާ ތަކެތި ނޯޓު ނުކުރާ ކަމަށް ވެސް ދިފާއީ ހެކިން ބުނެފައިވެއެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ހެކިބަސް ދެމުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ އިތުރުން ބިދޭސިއަކު ވެސް ހުރި ކަމަށާއި، ލޯންޗު ބަލާ ފާސްކޮށް ޑެގު މަތީގައި ހުރި ފޮށިގަނޑު ކަނޑާލުމުން އެ ފޮށިގަނޑުގެ ތެރޭގައި ހުރީ ބަނގުރާ ކަމަށެވެ. އަދި ފޮށްޓާއި ވަކިން ވެސް ބަނގުރާ ހުރިއިރު އެ ފުޅިތައް ހުރީ އޮރިޖިނަލް ޕެކިންގައި ކަމަށް ހެކިން ބުންޏެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ފާހަގަކުރި ބައެއް ނުކުތާތަކަށް ބަލާލާއިރު:

  • ހެކި ހޯދި ގޮތާއި ތަހްލީލުކުރި ގޮތާ ގުޅޭ ގޮތުން ދިފާއުން ސުވާލު އުފައްދާފައެއް ނުވޭ
  • ދައުވާ ލިބޭ ފަރާތުގެ ބެލެނިވެރިކަމުގައި އޮތް ލޯންޗުން ބަނގުރާ ފެނުނު ކަމަށް އިންކާރުކޮށްފައެއް ނުވޭ
  • ބަނގުރާ ފުޅިތައް ހުރީ އެއީ ކޮން އެއްޗެއް ކަން އެނގޭ ގޮތަށް ކަން

އެ ނުކުތާތަކަށް ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ކޯޓުން އެންމެ ފުރަތަމަ ހުކުމްކުރީ ތިން މަސް ދުވަހަށް އޭނާ ޖަލަށް ލުމަށެވެ. އެކަމަކު ބަންދުގެ މުއްދަތަށް ރިއާޔަތްކުރުމަށް ފަހު ދެ މަހާއި ހަތް ދުވަހަށް ޖަލަށް ލާން ކަނޑައެޅި ނަމަވެސް، ފަހުން ވަނީ ޖަލު ހުކުމުގެ ބަދަލުގައި 13،400ރ އިން އޭނާ ޖުރިމަނާކޮށްފައެވެ. އެ ފައިސާ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭ މީއާ އަށް ދައްކަން ޖެހޭނެ ކަމަށް ހުކުމްކޮށްފައުވެއެވެ.

އެ މައްސަލަ ބައްލަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދެވެ.