މިދިޔަ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް މަރުވެއްޖެއެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރުއެވެ.

އޭނާ ދަންޖެހުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 8:28ގައި ކަމަށް އެ ހޮސްޕިޓަލާ ހަވަަލާދީ ފުލުހުން ބުނެއެވެ.

ފައިސަލް ދަންޖެހުނު މައްސަލައިގައި ބަލަންޖެހޭ ކަންކަން އެޗްއާރްސީއެމް އަދި އެންއައިސީ އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ ފައިސަލް މިމަހު 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރިއިރު، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް އޮތީ ދީފައެވެ.

އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ. ނިޝާމާ މަރުވި އިރު، އެ ދެމަފިރިންގެ ކުޑަ ތިން ކުދިން ތިބެވެ.