ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން އެގައުމުން ފަސް ޖެހެނީ ޗައިނާ އާއި އިންޑިއާއިން އެ ކަމުގެ ކަނބޮޑުވުން ފާޅުކުރާތީ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސީއައިއޭގެ ޗީފް ވިލިއަމް ބާންސް ވިދާޅުވީ، ޔޫކްރައިން ހަނގުރާމަ އަދި ދުވަސްކޮޅަކަށް ކުރިއަށް ދާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެ، ހަނގުރާމަ ކާމިޔާބު ކުރުމަށް ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވި ވާހަކައިގެ ތަޖުރިމާ އަކީ ނިއުކްލިއާ ހަތިޔާރުވެސް ބޭނުން ކުރުން ކަމަށް ބެލި ނަމަވެސް އެކަމަށް ޕުޓިން ފަސްޖެހިފައި ވާ ކަމަށެވެ.

އޭނާ ވިދާލުވީ، ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، ރަޝިއާއިން ނިއުކްލިއާ ހަތިޔާރެއް ބޭނުން ކޮށްފާނެނީ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ. އެ ދެބޭފުޅުންގެ އެ ކަންބޮޑުވުމަކީ ވަރަށް ބޭނުންތެރިކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ބާންސް ވިދާޅުވީ، އެކަމުގެ ސަބަބުން ނިއުލްކިއާ ހަނގުރާމައަކަށް ދިޔުމަށް އޮތް ފުރުސަތު ހަނިވެގެން ދާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެ ދެގައުމުގެ ވެރިން ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން ރަޝިއާއިން ނިއުކްލިއާ ބޭނުން ކޮށްފާނެ ކަމުގެ އެއްވެސް ސާބިތު ހެއްކެއް މިހާތަނަށް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ހަނގުރާމަ ކާމިޔާބު ކުރުމަށް ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވެ ޕުޓިން ވާހަކަ ދައްކަވަނީ އެހެން ފަރާތްތަކަށް ނުފޫޒު ފޯރުއްވުމުގެ ބޭނުމުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ކްރެމްލިންގައި އޮތް ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވީ، ޔޫކްރައިންގައި ހިންގާ ހާއްސަ އަސްކަރީ އޮޕަރޭޝަން ކާމިޔާބު ކުރުމަށް ވަގުތާއި ހާލަތަށް ފެތޭ ގޮތަށް ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ހަމަލާގެ ރައްދު ދިނުމުގައި ރަޝިއާގެ ސްޓެރެޓަޖީއެއް އޮތް ކަމަށާއި އެ ރައްދެއް ދޭނީ އެ ހަމަލާއެއްގެ މުގާބިލުގައި ކަމަށެވެ. އަދި އެއީ ގައުމުތަކުން ގަބޫލު ކުރާ ހަމަ ކަމަށާއި އަމިއްލް ދިފާއުގައި ރައްދު ދެވޭނެ ކަމަށެވެ.

އިތުރަށް ޕުޓިން ވިދާޅުވީ، މިހާރުވެސް އެމެރިކާގެ ނިއުކްލިއާ ހަތިޔާރު އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގައި އެބަހުރި ކަމަށާއި ނަމަވެސް ރަޝިއާގެ ނިއުކްލިއާ ހަތިޔާރެއް އެހެން އެއްވެސް ގައުމެއްގައި ނުހުންނާނެ ކަމަށެވެ. އަދި ރަޝިއާގައި ހުރި ނިއުކްލިއާ ހަތިޔާރަކީ ނިއުކްލިއާ ގާބިލުކަން ލިބިފައިވާ އެހެން ގައުމުގައި ނެތް ވަރުގެ އެޑްވާންސް ހަތިޔާރު ކަމަށާއި، ނިއުކްލިއާ ހަތިޔާރު ބަލަހައްޓަން ދަތުމުގެ އިތުރުން އެހެން ގައުމުތައްހެން ޒަމާނީ ނަންނަން ކިޔާ އިޝްތިހާރު ނުކުރާ ކަމަށެވެ. މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، "ރޭޒާ ހަތިޔާރު" ފަދަ ނަންނަ ނުކިޔާ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ އަށް އަހަރަކަށް ވާން ދާ އިރު ދެފަރާތަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ރަޝިއާގެ އެތައް ހާސް ސިފައިންނެއް މަރުވެފައި ވާ އިރު ޔޫކްރައިންގެ ކުރީ ސަފުން މަރުވާ ސިފައިންގެ އިތުރުން އެގައުމުގެ އުމްރާނި ގިނަ ވަސީލަތްތައް ރަޝިއާއިން ވަނީ ހަލާކު ކޮށްލާފައެވެ. އެގޮތުން ކަރަންޓާއި ފެނުގެ ނިޒާމުތައް ހަލާކު ކޮށްލައި އަސްކަރީ ގިނަ މަގާމުތައް ގޮއްވާލައި ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.