މާލޭގެ މީހުންނަށް 2000 ގޯތި ދޭން ނިންމާފައިވާ ގިރާވަރު ފަޅު ހިއްކައިގެން ރެސިޑެންޝަލް ސިޓީއަކަށް ހަދަން އިންވެސްޓް ކުރާނެ ބަޔަކު ހޯދަން ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ކްރޮސް ސަބްސިޑީގެ އުސޫލުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް ގިރާވަރު ފަޅު ސިޓީއެއްގެ ގޮތުގައި ހަދަން ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް މިހާރުން ފެށިގެން ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ފަސް މިލިއަން ޑޮލަރު ކަަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އިކޮނޮމިކް މިނިސްްޓްރީގެ އީމެއިލް އަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ފުރުސަތު ބަންދު ކުރާނެ ވަކި ދުވަހެއް އާންމުކޮށް އަންގަން ދެން ފޯމު ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ގިރާވަރު ފަޅު ރެޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރުގައި ވާ ގޮތުައި ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެބްރުއަރީ މަހު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެ ތަނުން މަދުވެގެން 2،000 ގޯތި މާލެ މީހުންނަށް ދޫކުރާނެ ކަމަށެވެ.