އައްޑުއަތޮޅު ހިތަދޫ ޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް މާ ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށާއި އެ ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވިގެން ދާ އިރު ޑޮމެސްޓިކް އުޅަނދުތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ހަދަން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މީގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް ލިބެގެންދާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ ދެކުނުގެ އިގްތިސޯދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ކަމަށެވެ.
ހިތަދޫ ޕޯޓުގެ ތަރައްގީގެ ވިސްނުމާ ގުޅޭ ގޮތުން އޭނާ ވާހަކަ ދެއްކެވި ހަފްލާގައި ހިތަދޫ ޕޯޓްގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށް ދިގު މުއްދަތަށް ހިދުމަތް ކުރި މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާވެސް ދީފައެވެ.
އައްޑޫ ހައި ސްކޫލްގައި ބޭއްވި އެ ރަސްމިއްޔާތުގައި، ހިތަދޫ ޕޯޓަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ފަހު ރިޓަޔާ ވެފައި ތިބި 2 މުވައްޒަފަކާއި އެ ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދީފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައި ވެއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ މަދު ވަސީލަތްތަކާ އެކު ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްދިން ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ހަފްލާގައި އެމްޕީއެލްގެ ބޯޑު މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.