ޖަރުމަނު ވިލާތުގެ ބާލިންގައި ހުންނަ ރެޑިސަން ބްލޫ ހޮޓަލުގެ މެދުގައި ސިލިންޑަރެއް ގޮތަށް ހަދާފައި ހުރި މަސްޓޭންކް ފަޅައިގެން ގޮސް ފެންތަކާއެކު މަސްތައް މަގުމައްޗަށް ނުކުމެއްޖެއެވެ.

45 ފޫޓު އުސް ކޮށް ހަދާފައި ހުރި މި ޓޭންކްގައި 1500 މަސް ހުރި އިރު ޓޭންކް ފަޅައިގެން ދިޔުމާއެކު މުޅި ހޮޓާ ތެރެއާއި ހޮޓާ ދޮރުމަތީގައި އޮތީ ފެންބޮޑުވެ ޕޫލް ހެދިފައެވެ. ޓޭންކުން ފައިބައިގެން ދިޔަ ފެނުގެ ގިނަ ކަމުން، ހޮޓާ ދޮރުމަތިން އޮންނަ މަގުގައި ދުއްވާ އެއްޗެއްސަށްވެސް ދަތިވި ކަމަށް ހަބަރުތައް ބުނެއެވެ.

މިހާދިސާގައި ޓޭކްން ފަޅައިެގން ބުރައިގެން ދިޔަ ބިއްލޫރި ކޮލުތަކުން ޖެހި ދެމީހަކަށް ގެއްލުން ވި އިރު ހޮޓަލުގެ ލޮބީ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ހަބަރު ލިބެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސިލިންޑަރު މަސް ޓޭންކް

ރެޑިސަން ބްލޫ ގައި ހަދާފައި ހުންނަ މި މަސް ޓޭންކަނީ ދުނިޔޭގައި މިގޮތަށް ހަދާފައި ހުރި އެންމެ ބޮޑު މަސް ޓޭންކަށް ވާ އިރު، މި ހޮޓަލުގައި ތިބޭ ބައެއް މީހުންގެ ކޮޓަރިތަކުން މި ޓޭންކްގައި މަސްތައް އުޅޭ ހިތްގައިމު މަންޒަރު ފެނެއެވެ. ހޮޓަލުގެ ޑިޒައިން ބިނާ ކޮށްފައި ހުންނަނީ އެ މަސްޓޭންކުގެ ހިތްގައިމުކަން ފަތުރުވެރިންނަށް ފެންނަ ގޮތަށެވެ.

މިހާދިސާގައި މަގުތަކަށް ފެންގަނޑު ފެތުރިގެން ދިޔުމާއެކު، ހޮޓާ ވަށައިގެނ ހުރި މަގުތައް ވަގުތީ ގޮތުން ބަންދުކޮށްފައި ވާ ކަމަށް ބާލިންގެ ޕަބްލިކް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.

ހަބަރުތައް ބުނާ ގޮތުން، މި ޓޭންކް އެންމެ ފަހުން މަރާމާތު ކުރީ މީގެ ދެއަހަރު ކުރިން ކަމަށާއި ޓޭންކް ފަޅައިގެން ދާން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.