މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އަހުމަދު ރިޟްވާން އަބްދުﷲ ގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ރިޕޯޓް އެރުވުމަށްފަހު ކޮމިޝަނުގެ މެންބަރުން ވަނީ ރައީސް އާއި ބައްދަލުކުރައްވައިފައިވާ ކަމަށާއި ކޮމިޝަނުން ރިލުވާނުގެ އާއިލާ މެންބަރުންނާއި ބައްދަލުކޮށް ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްސީލުކޮށް އާއިލާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ އެ މައުލޫމާތުތައް ހިއްސާކުރައްވަންޖެހޭ ފަރާތްތަކާ ހިއްސާ ކުރެއްވުމަށް ވިދާޅުވެފައެވެ.

އެ ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް އެމަނިކުފާނު ކޮމިޝަނުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.