ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް، އެންމެ ދެކުނަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ދެ ސިޓީގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވައި، ދެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ނައިބު ރައީސްގެ ދަތުރުފުޅުގައި ކުރައްވާނެ އިތުރު އެހެނިހެން ކަންތައްތައް:

  • އައްޑޫ ހުޅުމީދޫގެ ސިއްހީ މަރުކަޒުގައި އަލަށް ފަށާ ހިދުމަތްތައް ޝަރަފުވެރިކޮށްދެއްވުން
  • ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ހޮސްޕިޓަލްގެ އާ އިމާރާތް ހުޅުވައިދެއްވުން
  • ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުން

ފަސް ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަންނަ ހޯމަ ދުވަހުގެ ވަގުތެއްގައި ނައިބު ރައީސް މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ ކުރިން ވެސް ނައިބު ރައީސް އެކި ފަހަރު މަތިން ފުވައްމުލަކަށާއި އައްޑުއަށް ވަޑައިގެންފައިވެއެވެ.