ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޔޭ (މިހަރު ޔޭ) އަށް ދީފައިވާ އޮނަރަރީ ޑިިގްރީ އަތުލައިފިއެވެ.

ސޯޝަލް މީޑިއާގެ އިތުރުން ކެމެރާގެ ކުރިމަތީގައި ޔޭ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާ އަތުން ޑިގްރީ އަތުލިއިރު ދާދިފަހުން ވަނީ ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ޔޭ ދެއްކި ވާހަކަތަކުގެ ސަބަބުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ވެސް އޭނާ ސަސްޕެންޑު ކޮށްފައެވެ. ސްކޫލް އޮފް އާޓް އިންސްޓިޓިއުޓް އޮފް ޝިކާގޯ އިން 2015 ވަނަ އަހަރު ޔޭ އަށް ދިން ޑިގްރީ އަތުލި އިރު ޔޭ އަދި މިހާތަނަށް އެކަމާ ގުޅިގެން ވާހަކައެއް ނުދައްކައެވެ.

މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން އާ ވަކިވި ފަހުން ޔޭ ވަނީ އޭނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އޭނާގެ އަސްލު ސިފަ އާންމުންނަށް ދައްކާފައެވެ. ކިމް އާއި ޔޭގެ ވަރީގެ މައްސަލަ ވެސް ދިގުދެއްމުމަށް ފަހު މިހާރު އެ ދެމީހުންގެ ވަރި ވަނީ ކޯޓުގައި ސާބިތުވެފައެވެ. ފަސް އަހަރު ދުވަސް ވަންދެން ދެމިގެން ދިޔަ މި ކައިވެންޏަށް ހަތަރު ދަރިންވެސް ވަނީ ލިބިފައެވެ. އެއީ ނޯތު 9، ސެއިންޓް 6، ޝިކާގޯ 4 އަދި ސާމް 3 އަހަރެވެ. ދެ ތަރިން ވަރިވުމުގެ މަރުހަލާގައިވެސް ވަނީ ސޯޝަލް މީޑިއާގައި ވަރުގަދަ "ކުޅިގަނޑެއް" ކުޅެލާފައެވެ.

ޔޭ ވަނީ ކިމް އާ ދިމާއަށް ވަރަށް ހުތުރުކޮށް އެއްޗެހި ކިޔާފައެވެ. ނަމަވެސް އޭގެ ފަހުން "ގުޑް މޯނިން އެމެރިކާ" ޝޯގައި ބައިވެރިވެ ކިމް ގެ ކިބައިން މައާފަށް އެދިފައި ވެއެވެ.

އޮނަރަރީ ޑިގްރީ އަކީ މަސައްކަތް ކުރާ ދާއިރާއަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމުން އެ ކޮށްދިން މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންދޭ ޑިގްރީއެކެވެ.