ހަބަރު ހުސްވެގެން ވެއްޓުނު މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މ. ބަދުރުގޭގެ ފާހާނާ އަށް ވަން މީހެއްގެ ހަބަރެއް ނުވެގެން ރިޕޯޓު ކުރުމުން ފުލުހުން ވަނީ އެ ގެއަށް ގޮސް، ވެއްޓިފައިވާ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި އޭނާ އަށް ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން އޭރު ބުންޏެވެ.

ކަށުނަމާދުގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، މި ހާދިސާގައި މަރުވެފައި ވަނީ މ. ބަދުރު، އުމުރުން 50 އަހަރުގެ އަބްދުﷲ ރަޝާދެވެ. އެ ޕޭޖުން ކުރި ޕޯސްޓުގައިވާ ގޮތުން އަބްދުﷲ ރަޝާދުގެ މައްޗަށް ކަށުނަމާދުކުރުން އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

އަބްދުﷲ ރަޝާދު މަރުވެފައިވާ ކަން އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މި ހާދިސާގެ މާ ބޮޑު ތަފްސީލެއް މީޑިއާ އަށް ދީފައިނުވި ނަމަވެސް، މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.