ހުވަދޫ މަސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުމުގައި ބަންޑުންކޮށްލައިފިއެވެ.

މި ސަރުކާރުން މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ވެރިކަމާ ހަވާލުވީ މަސްވެރިންނަށް އެތަކެއް ވައުދުތަކެއް ވެފައެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި މަސްވެރިން މަސް ކިރުމަށް ކުރަން ޖެހޭ ހަރަދުތައް ކުޑަކުރުން ފަދަ ވައުދުތައްވި ނަމަވެސް، މަސްވެރިންގެ ޝަކުވާތަކަށް ނިމުމެއް އައިސްފައި ނެތެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރައީސްގެ އިތުރުން، ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގަތީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމަށްވާ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް ވަޑައިގެން ރައީސް ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި މަސްވެރިން ވަނީ އެ މީހުންގެ ދަތިތައް ހިއްސާކޮށްފައެވެ.

ފަރެސްމާތޮޑާގެ މަސްވެރިއަކު، އިއްޔެ ބޭއްވި ބައްދަލުވުމުގައި މަސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ރައީސް އަރިހުގައި ހިއްސާކުރަނީ / ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުން ރައީސް ވަނީ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައްވައިފައެވެ. ރައީސް ވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި، މަސްވެރިންނަށް އަދިވެސް ދަތިތަކާއި ހުރަސްތައް ކުރިމަތިވެފައިވެއެވެ. ވަކިން ހާއްސަކޮށް ހުވަދޫގެ މަސްވެރިންނަށް ދަތިތައް ކުރިމަތިވެފައިވާކަމަށް ރައީސް ގަބޫލުފުޅުކުރައްވައެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަކީ ޒަމާނުއްސުރެ ހައްލުނުކުރެވިފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ.

އެ ބައްދަލުވުމުގައި މަސްވެރިން ވަނީ މަސްވެރިން ބާނާ މަހަށް މިހާރަށް ވުރެ ރަނގަޅު އަގެއް ހޯދައިދެވިފައި ނުވާ ކަމާއި، ބާނާ ހުރިހާ މަހެއް ބައެއްފަހަރު ނުކިރުވޭ ކަމާއި، މަސްކިރުން ލަސްވެ، ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމުގެ އިތުރުން، ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުމާއި، ބޭނުންވާ ވަރަށް އައިސް ނުލިބުމާއި، ތެޔޮ ވެސް ބޭނުންވާ ވަރަށް ނުލިބުމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި މަސްވެރިއެއްގެ ޝަކުވާތައް އަޑުއައްސަވައި ރައީސް ޖަވާބު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން، ދެކުނުގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އައްޑުއާ ދިމާލުން މަސް ބާނައިގެން ފިޔޯރީ ކަނޑުން ވަދެ، ކޫއްޑު އަށް މަސްކިރަން ކުރަން ޖެހޭ ދަތުރު ދިގުވުމުގެ ސަބަބުން ތެލަށް ކުރާ ހަރަދު އިތުރުވެ، މަހުގެ ކޮލިޓީ ދަށްވުމެވެ. އެ ބައްދަލުވުމުގައި ފާހަގަކުރެވުނު ބައެއް އިތުރު ކަންކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި:

  • މިހާރު މަސްވެރިންނަށް، އޮޑިވެރިންނަށް ބޭންކް މެދުވެރިކޮށް ޖަމާކުރެވެނީ ދެ ލައްކަ ރުފިޔާ
  • އެއީ މަސްވެރިންނާއި އޮޑިވެރިންގެ ކަންބޮޑުވުން އޮތް ކަމެއް
  • ހުރިހާ ވިޔަފާރިވެރިންނަށް ވެސް ގެންގުޅެން ވާނީ އެއް އުސޫލުތަކެއް

"އެހެން ވިޔަފާރިތަކަށް މިއަށްވުރެ ގިނައިން ޓްރާންސްފާ ހެދޭ ކަމަށްވަންޏާ، މަސްވެރިންނަށް ވެސް އެކަން އެގޮތަށް ކުރެވޭނެ އުސޫލެއް އެމްއެމްއޭ އިން ކަށަވަރުކޮށްދޭން ޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ބޭނުންވާ ވަރަށް މަސްވެރިންނަށް ތެޔޮ ނުލިބުމުގެ ކަންބޮޑުވުމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މަސްވެރިން ބޭނުންވާ ގޮތަށް އަދި މަސްވެރިން ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓުގައި ކްރެޑިޓަށް މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކަންކަމުގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެ ކަންކަމަކީ އަވަހަށް ހައްލުކުރަން ޖެހޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

"ސަރުކާރުން އަބަދު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް." ރައީސް ވިދާޅުވިއެވެ.