ސިނަމާލެ ބްރިޖް މަތިން ފުންމާލަން އުޅުނު އަންހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު 6:42 ހާއިރު ކަމަށެވެ.
ބްރިޖު މަތިން ފުންމާލަން އުޅުނު 18 އަހަރުން ދަށުގެ އަންހެން ކުއްޖާ ސަލާމަތް ކޮށްފައި ވަނީ އާންމުންނާއި ފުލުހުން ގުޅިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، އެކުއްޖާ މިހާރު އިނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މީގެ ކުރިން ސިނަމާލް ބްރިޖު މަތިން މީހަކު ވަނީ ފުއްމާލާފައެވެ.
2019 ވަނަ އަހަރު ހިނގި އެހާދިސާގައި ކަނޑަށް ފުންމާލާފައި ވަނީ ޒުވާން އުމުރުގެ ފިރިހެނެކެވެ. އެމީހާ ފުލުހުން ސަލާމަތް ކުރިއެވެ. އޭނާ ފުންމާލިތަން ބްރިޖުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހަކަށް ފެނުމާ އެކު ފުންމާލި މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުން ލޯންޗުގައި ގޮހެވެ.