ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެ ރަށަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި މިއަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެ ކަމަށެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް ރައީސް ޝަރަފްވެރި ކޮށްދެއްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވާއިރު ،މަސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.