މިދިޔަ މަހު މާލެ އާއި ހުޅުމާލޭގައި ފުލުހުންގެ އޮޕަރޭޝަނެއްގައި އަތުލި 13 ކިލޯގެ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ގާތްގަނޑަކަށް 645،000 އާ ގާތްކުރާ އަދަދަކަށް ދިވެހި ރުފިޔާ ވެސް ހޯދި އެ މައްސަލައިގައި ހައްޔަރުކުރި ހަ މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ 15 ދުވަހަށެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދު އަލުން ޖެހުމަށްޓަކައި ކޯޓަށް ހަ މީހުން ހާޒިރުކުރުމުން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، ބާކީ ތިބި އެންމެންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ

މިދިޔަ މަހުގެ 17 ގައި ހިންގި އޮޕަރޭޝަނާ ގުޅިގެން ކުރެއްވި ޓްވީޓެއްްގައި ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި:

  • 13.56 ކިލޯގެ ޑްރަގް އަތުލާފައިވޭ
  • އަދި 644،020 ރުފިޔާ ހޯދާފައިވޭ

އެ ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސަކުން ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި އެފަދަ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.