އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާ އެކު އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ ކުނި މެނޭޖްކުރުމުގެ މަޝްރޫއަށް ލަފާ ހޯދުމަށްޓަކައި ޖުމްލަ ގާތްގަނޑަކަށް ދޮޅު މިލިއަން ރުފިޔާގެ މުސާރަދޭ ގޮތަށް ބަޔަކު ހޯދަން އެ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށްޓަކައި އޭޑީބީ އާ ގުޅިގެން އެ މިނިސްޓްރީން ހިންގާ "ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް" މަޝްރޫއުގެ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ބޭނުންވާ ކަމަށެވެ.

ހަތަރު ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިއުލާނުގައި މިނިސްޓްރީން ހޯދަމުން ދަނީ:

މީގެ ތެރެއިން ކޮމިއުނިޓީ މޮބިލައިޒޭޝަން އެކްސްޕާޓަށާއި، ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޓްރެއިނަރަށް މުސާރައިގެ ގޮތުގައި 360،000ރ ކަނޑައަޅާފައިވާއިރު، ތްރީ އާރު މޯޓިވޭޓަރަށް ތިން ލައްކަ ރުފިޔާ، އަދި ވެބް ގްރެފިކްސް ޑިޒައިނިން، ޝޯޓް ވީޑިއޯ ޕްރޮޑަކްޝަން އެންޑް ސޯޝަލް މީޑިއާ ސްޕެޝަލިސްޓަށް 456،000ރ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

އެހެންކަމުން މި ހަތަރު މަގާމުގެ ޖުމްލަ މުސާރައަކީ 1.476 މިލިއަން ރުފިޔާއެވެ.

މި މަގާމުތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 19 ގެ މެންދުރު 12 ގެ ކުރިން، ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރުގެ އިތުރުން، އައިޑީކާޑުގެ ކޮޕީއަކާއި އެޓެސްޓުކޮށްފައި ހުރި ތައުލީމީ ސެޓްފިކެޓުތައް، އަދި ޓާމްސް އޮފް ރިފަރެންސްގައި ހުށަހަޅަން ލާޒިމްކުރާ ލިޔެކިއުންތައް ހުށަހަޅަން މިނިސްޓްރީން އެދެއެވެ.

މިނިސްޓްރީން ބުނީ، ކޮންސަލްޓަންޓުންނަށް މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ޓާމްސް އޮފް ރިފަރެންސްގައި ކަނޑައަޅާފައިވާ ކަންތައްތައް ނިންމާ މިންވަރަށް ބަލައި، މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ.