ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދަޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެގޮތުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ގދ. ފަރެސްމާތޮޑާގައެވެ.

މަސްވެރިންްގެ ދުވަސް ކޮންމެ ފަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރަމުންދާ އިރު މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރައް ހައްލު ކޮށްދީފައިނުވާ ކަމުގެ ޝަކުވާ މަސްވެރިން އަބަދު ވެސް ކުރެއެވެ. އެގޮތުން ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުމުގައި ލިމިޓް ކަނަޑައެޅުމާއި، މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށް ވުމުގެ ޝަކުވާތަކަކީ އަބަދުވެސް މަސްވެރިން ކުރަމުން އަންނަ ޝަކުވާތަކެވެ.