ހދ. ނޮޅިވަރަމުގައި އަންހެނަކު މަރާލައިފާ އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސްފައިވާ ކަމަށާއި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރާލައިފާ ވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އާ ވާހަކަދެއްކި ނޮޅިވަރަމް މީހަކު ބުނީ މަރާލައިފާ އޮއްވާ ފެނުނީ 3 ކުދިންގެ މަންމައެއް ކަމަށާއި އަންހެން މީހާއާއި އެ މީހާގެ ފިރިމީހާގެ ދެމެދުގައި ޒުވާބުކޮށް އަނިޔާ ކުރާ ވާހަކަ ވަރަށް ގަދައަށް އަޑުއިވޭ ކަމަށެވެ. އަދި ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ވެސް އަޑުތައް ގަދަވެފައިވާ ކަމަށް އެ މީހާ ބުންޏެވެ.

ފިރިމީހާއަކީ ރަށުން ބޭރު މީހެއް ކަމަށާއި އަންހެން މީހާގެ މަރާއެކު ފިރިހެން މީހާ ރަށުން ފުރާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

އެހެން ނަމަވެސް މިކަމާ ގުޅިގެން ކައުންސިލުން ވަނީ އެދެވޭ ޖަވާބެއް ނުލިބިފައެވެ.