ރިސޯޓްގައި މަޑުކުރުމަށް ޓޫރިސްޓަކު ބުކިން ހަދައި ފައިސާ ދެއްކި ނަމަވެސް އެ ފައިސާއަށް ހިޔާނާތްތެރިވެ ޓޫރިސްޓަށް ރިސޯޓްގައި މަޑުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިނުދިން ކަމުގެ ތުހުމަތުގައި އައިލެންޑް ވޮޔެޖް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި މީހާ ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ދައުވާކޮށްފައިވާ ހަސަން ހާޝިމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ ކަމަށާއި އެ ދައުވާކުރީ މެލޭޝިޔާއަށް ނިސްބަތްވާ އަންހެނަކު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަޑުކުރުމަށް އައިލެންޑް ވޮޔޭޖާސް މެދުވެރިކޮށް ބުކިން ހައްދައި ދެއްކި ފައިސާއަށް ހިޔާނާތްތެރިވީ ކަމަށް ތުހުމަތުގައި ކަމަށެވެ.

އެ އަންހެން މީހާ އެ ކުންފުންޏަށް 4،236 ޑޮލަރު ދައްކާފައިވާ ކަމަށާއި އެ ފައިސާ ދެއްކި ނަމަވެސް އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ އިންތިޒާމުތައް ވޮޔޭޖް ޕްރައިވެޓް ލިމިޓެޑްއިން ހަމަޖައްސާފައިނުވާ ކަމަށްވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ ދައުވާއަށް އިންކާރުކޮށް ހާޝިމް ބުނެފައިވަނީ ފަތުރުވެރިޔާއަށް ދައްކަންޖެހޭ ފައިސާ ނުދެއްކުނީ ކުންފުނީގެ މާލީ ޙާލަތު ގޯސްވުމުން ކަމަށެވެ.

ދެ ފަރާތުގެ ހެއްކަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އަދަބެއްގެ ގޮތުގައި 1 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުންކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ހަސަން ހާޝިމްގެ ފަރާތުން ވަނީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަށް އެދިފައިވީ ނަމަވެސް އޭނާގެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައި އޮތުމުންނާއެކު އެ ފައިސާ ދެއްކޭނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.

ހާޝިމަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ނުވުމުންނާއި އާއިލާއެއް ބަލަހައްޓަމުންދާ ޒިންމާދާރު ފަރާތަކަށް ވާތީ އަދަބު ލުއިކޮށްދޭން ގާޒީ ނިންމެވިއެވެ. އެގޮތުން ދެ އަހަރާއި 10 މަސް ދުވަހަށް ގޭބަންދު ކުރުމަށާއި ޖަލުގައި ބަންދުކޮށް ބަހައްޓަންވީ މުއްދަތު ވަނީ ދެ މަހަށް ކުޑަކޮށްދީފައެވެ.