ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުންދާ ހަނގުރާމަ 9 މަސް ފަހަނައަޅާ ގޮސްފައި ވާ އިރު، ރަޝިއާއިން ނިއުކްލިއާ ބޭނުން ކޮށްފާނެ ކަމަށް އެމެރިކާއާއި ހުޅަނގުން ފަތުރާ ވާހަކަތަކަށް ޕުޓިން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ، އިސްވެ ރައްކާތެރި ވުމުގެ ގޮތުން ނިއުލްކިއާ ހަތިޔާރުގެ ބޭނުން ކުރަން ޖެހޭ ހާލަތެއް ރަޝިއާ އަށް ނެތް ކަމަށާއި، ރަޝިއާ އަށް ބަޔަކު ނިއުކްލިއާ ހަމަލާއެއް ދީފި ނަމަ އެ ބަޔަކު ނުވަތަ އެ ގައުމެއް ފޮހެލާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ނިއުކްލިއާ ގާބިލު ކަމާ ހިލާފަށް ރަޝިއާގައި ހުރީ އެޑްވާންސް ހައިޕަސޮނިކް ހަތިޔާރު ކަމަށާއި ހަމަލާއެއް އަތުވެއްޖެ ނަމަ، ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށެވެ.

މިއާ އެކު ޕުޓިން ވިދާޅުވީ، ކުރިން އިއުލާން ކުރި ގޮތަށް 300،000 ޕެރަމިލިޓަރީން ހިދުމަތަށް ނެރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި ދާދިފަހުން ތަމްރީނު ކުރެވުނު 150،000 ޕެރަމިލިޓަރީން މިހާރު ހިދުމަތަށް ނެރެން ތައްޔާރުވެފައި ވާ ކަމަށެވެ. ޕެރަމިލިޓަރީންނަކީ ކޮންމެވެސް ވަރެއްގެ އަސްކަރީ ޔަޖުރިބާއެއް ނުވަތަ ތަމްރީނެއް ލިބި ރިޓަޔާ ކޮށްފައި ތިބޭ މީހުންނެވެ.

ޕުޓިން ވިދާޅުވީ، ޔޫކްރައިންގެ ހަނގުރާމަ ހުއްޓާލަން އެއްބަސް ވުމަކަށް އަންނަން ޖެހޭ ކަމަށާއި ޔޫކްރައިން އާއި ވަކިވެގަތުމަށް ހަނގުރާމަ ކުރި ފަރާތްތަކާ ދެމެދު 2014 ގައި މިންސްކް ގައި ވި އެއްބަސްވުމާ ރަޝިއާ އަށް ހިލާފުވެވިފައި ވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ އެއްބަސްވުމާ ރަޝިއާއަށް ހިލާފުވެވުނު ކަމަށް ޕުޓިން ވިދާޅުވީ، އޭގެ ފަހުން ރަޝިއާއިން ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދީފައި ވުމުން އެކަމަށް އިޝާރާތް ކުރައްވައެވެ.

މި ކަމާ ގުޅިގެން ވާހަކަ ދައްކަވަމުން، އެއީ ޔޫރްރައިންގެ ދިފާއު ރާވާ ވަރުގަދަ ކުރަން ޔޫކްރައިން އަށް ލިބުނު ވަގުތެއް ކަމަށް ޖަރުމަނުގެ ކުރީގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެފައި ވުމުން ޕުޓިން ވިދާޅުވީ، މާކެލްގެ ކޮމެންޓާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.

ކިރިގީސްތާންގައި ބެއްވި ނޫސް ކޮންފަރެންސެއްގައި ޕުޓިން އިތުރަށް ވިދާޅުވީ، އީޔޫއާއި ޖީ7 އަދި އޮސްޓްރެލިއާއިން ރަޝިއާގެ ތެލުގެ އަގު ކޮންޓްރޯލް ކުރި މައްސަލައިގައި ޖީ7 ގެ ގައުމުތަކަށް ތެޔޮ ވިއްކަން ރަޝިއާއަށް ދެކޮޅު ހެދިދާނެ ކަމަށާއި، އަގު ކޮންޓްރޯލް ކުރި ގައުމުތަކަށް ތެޔޮ ނުވިއްކާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ވާނެ ކަމަށެވެ.

"އަހަރެމެން ވިސްނާނަން، ފަހަރެއްގައި ތެޔޮ އުފައްދާ މިންވަރުވެސް މަދުކޮށްފާނަން، އަދި މުޅިން ގޮތެއް ނުނިންމަން، ނަމަވެސް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަޝިއާގެ ރައީސްގެ ހައިސިއްޔަރުން ގަރާރެއް ނެރޭނަން"
ޕުޓިން

މި ޕްރެސް ކޮންފަރެންސްގައި ޕުޓިން ވަނީ ހަނގުރާމައިގެ އަސީރުން އަދިވެސް ބަދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެފައެވެ. އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބާސްކެޓް ބޯޅަ ތަރިއެއް އިއްޔެ ވަނީ ދޫކޮށްލާފައެވެ. އަދި އިތުރު މީހުން ދޫކޮށްލުމަށް ރަޝިއާގެ ހުށަހެޅުމަށް އެމެެރިކާއިން އެއްބަސް ވާން ޖެހޭނެ ކަމަށާއި އެ މަގަށް މަސައްކަތް ކުރެވިއްޖެ ނަމަ އިތުރު މީހުން ދޫކޮށްލާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ، އީޔޫގެ ބަނދަރުތަކުގައި ހިފަހައްޓާފައި ހުރި ދަނޑުވެރިކަމަށް ބޭނުންވާ ފާޓިލައިޒާ ޝިޕްމަންޓްތައް ދޫކޮށްލުމަށް ވެސް ގޮވާލައްވާފައެވެ. އޭނާ އދ އަށް އެކަމުގައި އިލްތިމާސް ކުރައްވާ ވިދާޅުވީ، ރަޝިއާގެ ދަނޑުވެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެފައި ވާ ކަމަށާއި ފާޓިލައިޒާ ޝިޕްމަންޓްތައް ދޫކޮށްލެވޭނެ ގޮތްތަކެއް ހަދައިދިނުމަށެވެ. އެގޮތުން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ހުޅަނގަށް ބާރު އަޅައިދިނުމަށް އދ ގެ ކިބައިން ޕުޓިން އެދިވަޑައިގަތެވެ.

ޔޫކްރައިން މަޝްރަހުން ލިބޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ޒެޕްރޯޒިއާގައި ހުންނަ ނިއުކްލިއާ ޕްލާންޓުގައި މަސައްކަތް ކުރާ ސީނިއާ 2 އޮފިޝަލަކު ރަޝިއާ ސިފައިން ވަނީ ވަގަށް ނަގާފައެވެ. މިކަމަށް ރަޝީއާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއެއް ނުވެއެވެ. ރަޝިއާއިން ލިބޭ އިތުރު ހަބަރެއް ބުނާ ގޮތުން، އަސްކަރިއްޔާ އާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުގެ ކުށުގައި އެގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށް ވާ އިލްޔާ ޔާޝިން 8 އަހަރަށް މިއަދު ވަނީ ޖަލަށް ލައިފައެވެ.

ބަލްގެރިއާއިން ލިބޭ ހަބަރުތައް ބުނާ ގޮތުން އެގައުމުން މިއަދު ވަނީ ޔޫކްރައިން އަށް އަސްކަރީ އެހީ ފޮނުވާފައެވެ. މިއީ ހަނގުރާމަ ފެށިފަހުން އެ ގައުމުން ޔޫކްރައިން އަށް އެހީ ފޮނުވި ފުރަތަމަ ފަހަރެވެ. މި އެހީގެ ތެރޭގައި އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމާއި ފައިޓާ ޖެޓު ނުހިމެނޭ އިރު އޮފިޝަލުން ބުނީ، ބަލްގެރިއާއިން ފޮނުވާ އެއްޗެހީގެ ލިސްޓް ހާމަ ކުރެވެން ނެތް ކަމަށެވެ.

އަނެއްކޮޅުން އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން މިއަދު ވަނީ ތުރުކީގެ އިސްތަންބޫލުގައި ބައްދަލު ކުރައްވާ ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތަކާ ޓެކްނިކަލް ކަންކަމާ ގުޅެ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ރަޝިއަގެ ނޫސް އިދާރާތަކުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ވިސާ އާއި، އެމްބަސީތަކުގައި ތިބި ސްޓާފުންގެ އަދަދު އިތުރު ކުރުމާއި ހާމަ ނުކުރެވޭ އިތުރު ކަންކަމާ ގުޅެ ގޮތުންވެސް މަޝްވަރާ ކުރެވިފައި ވެއެވެ.