އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ދެއްވައިފިއެވެ.

ޝާހިދު މިހެން ވިދާޅުވީ، މިއަދު އެންގޯލާގެ ލުއާންޑާގައި ކުރިއަށްގެންދިޔަ އޯއޭސީޕީއެސްގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގައެވެ. އެ ސަމިޓުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.

ޝާހިދު ވިދާޅުވީ، ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯއޭސީޕީއެސްގެ މެންބަރު އެހެން ގައުމުތައް އަބަދުވެސް ގުޅިފައި ވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ކަމަށެވެ. އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށް، އެ ޖަމިއްޔާގެ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޝާހިދު ވަނީ އަރުއްވާފައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށާއި، އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެއަށް މަރުހަބާ ކިއުމުން ހުރިހާ މެންބަރު ގައުމުތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޯއޭސީޕީއެސްގެ މެންބަރު ގައުމަކަށް ރާއްޖެ ވީ އެ ޖަމިއްޔާގެ ހުރިހާ މެންބަރު ގައުމުތަކުގެ އިއްތިފާގުންނެވެ.

(ތީމް) މި ޝިއަރުގެ ދަށުން ބާއްވާ އޯއޭސީޕީއެސްގެ އެންމެ އިސްވެރިންގެ 10 ވަނަ ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.