ޅ އަތޮޅުގައި ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަތުރުތަކުގެ "އަހުލުވެރި ކަމުގެ ދަތުރު" ގެ މުއްދަތު ހަމަވެ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދަތުރުކުރެވޭނީ ޓިކެޓު ނަގައިގެން ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

މި ހިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހުން 28 ވަނަ ދުވަހަށް އަގު ނުނަގާ ކުރިއަށް ގެންދަން ނިންމި ފުރަތަމަ ނިންމުމަށްފަހު އެ މުއްދަތު ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީއިން މިއަދު ބުނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާރްޓީއެލްގެ ޅ. އަތޮޅުގެ ފެރީ ދަތުރުތައް ކުރެވޭނީ ޓިކެޓު ނެގުމަށްފަހު ކަމަށާއި އާރްޓީއެލް އެޕްލިކޭޝަން ނުވަތަ ވެބް ޕޯޓަލް މެދުވެރިކޮށް ޓިކެޓު ނެގޭނެ ކަމަށެވެ.

ޅ އަތޮޅުގެ 4 ރަށެއްގައި މީހުން ދިރިއުޅެމުން އަންނައިރު އެ 4 ރަށުގެ އިތުރުން ފެލިވަރަށާއި މަޑިވަރު އެއާޕޯޓަށްވެސް އާރްޓީއެލްގެ ދަތުރުތައް އަންނަނީ ކުރަމުންނެވެ.

އާރްޓީއެލް ޅ އަތޮޅުގެ ދަތުރުތަކުން ނަގާ އަގުތައް:

  • އޮޅުވެލިފުށިން ނައިފަރު، ހިންނަވަރު، ފެލިވަރު، މަޑިވަރުއަށް - އެއްކޮޅަށް 65 ރުފިޔާ، ދެކޮޅަށް 120 ރުފިޔާ
  • ކުރެންދޫއިން ހިންނަވަރު، ނައިފަރު، މަޑިވަރު، ފެލިވަރު، އޮޅުވެލިފުށި - އެއްކޮޅަށް 50 ރުފިޔާ، ދެކޮޅަށް 90 ރުފިޔާ
  • ހިންނަވަރުން ނައިފަރު، ފެލިވަރު، މަޑިވަރަށް - އެއްކޮޅަށް 35 ރުފިޔާ، ދެކޮޅަށް 65 ރުފިޔާ
  • މަޑިވަރުން ނައިފަރު، ފެލިވަރަށް - އެއްކޮޅަށް 35 ރުފިޔާ ދެކޮޅަށް 65 ރުފިޔާ
  • ނައިފަރުން ފެލިވަރަށް - އެއްކޮޅަށް 35 ރުފިޔާ ދެކޮޅަށް 65 ރުފިޔާ

ޅ އަތޮޅުގެ ދަތުރުތަކަށް ދެ ލޯންޗު އެ އަތޮޅަށް ގެންގޮސްފައި ވާއިރު ސަރުކާރުން އާރުޓީއެލް ފެރީގެ ހިދުމަތް ފެށިފަހުން މިހާތަނަށް 85 ވަޒީފާ ވަނީ އުފައްދާފައެވެ. އާރުޓީއެލްގެ ފެރީ އާއި ބަހުގެ ހިދުމަތް އެއްކޮށްލުމުން މިހާތަނަށް 308 ވަޒީފާ ވަނީ އުފައްދާފައެވެ.