އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ތިން ދުވަސް ކަނޑައަޅައިފިއެވެ.
އެކަން އިއުލާނުކޮށް ރައީސް އޮފީހުން މިއަދު ބުނީ ބަންދު ދުވަސްތަކުގެ ގޮތުގާ ކަނޑައަޅާފައިވާ ތިން ދުވަހަކީ ޖޫން މަހުގެ 25 އަދި 26 އަދި ސެޕްޓެމްބަރު 28 ވަނަ ދުވަސް ކަމަށެވެ.
ޖޫން މަހުގެ 25 އަދި 26 ވަނަ ދުވަސް ބަންދުކޮށްފައި ވަނީ އެ މަހުގެ 27 ވަނަ ދުވަހަކީ ހައްޖު ދުވަސް ކަމަށްވެފައި 28 ވަނަ ދުވަހަކީ އަލްހާ އީދު ދުވަސް ކަމުން އޭގެ ކުރީގެ ދެ ދުވަހަކީ އެ ހަފްތާގެ ސަރުކާރު ބަންދު ނޫން ހަމައެކަނި ދެ ދުވަސް ކަމަށް ވާތީއެވެ.
އެއާއެކު އީދު ބަންދުގެ ގޮތުގައި އަންނަ އަހަރު 9 ދުވަސް ލިބޭނެއެވެ.
މީގެ އިތުރުން ސެޕްޓެމްބަރު 28 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރަސޫލާގެ އީދުމީލާދު ދުވަސް ކަމަށް ވާތީއެވެ.