ޖަލު ތެރެއިން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގާ ކަމަށް ބުނެ، ސަލާމަތީ ބާރުތަކުން މާފުށި ޖަލުގައި ހިންގި ބޮޑު އޮޕަރޭޝަން ނިންމާލި ނަމަވެސް ފެނުނު އެއްޗެހީގެ އަދަދެއް މުބުންޏެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ އެ އޮޕަރޭޝަން ނިންމާލީ އިއްޔެ މެންދުރު 12 ޖެހި އިރު ކަމަށާއި އެއްވެސް ހަމަޖެހުމެއް ނެތި ނިންމާލާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރޭގައި ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފަދަ މަނާ ތަކެތި ހޯދާފައިވާ ކަމަށްވެސް ޔުސްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ބޮން ހަދަން ގެންގުޅޭ ސާމާނާއި ލިޔެ ކިޔުންތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތުތަކެއް ވެސް ލިބިފައި ވީ ނަމަވެސް ކަރެކްޝަންއިން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެ އޮޕަރޭޝަން ހިންގަނީ ކަރެކްޝަންސްގެ އެދުމުގެ މަތިން، ސިފައިންނާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސްކޭމާ ދެކޮޅަށް މާފުށި ޖަލުގައި އޮޕަރޭޝަނެއް ފަށާފައިވާއިރު، ސްކޭމްގެ މައްސަލަތައް އިތުރުވާތީ ކަމާ ގުޅޭ މުއައްސަސާތަކުން ވަނީ އެކަމާ ގުޅިގެން ހާއްސަ ވޯކްޝޮޕެއް ބާއްވައިފައެވެ.

އެ ވޯކްޝޮޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، 2019 ޖެނުއަރީން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 998 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.