ހެދުން އަޅަން އޮންނަ އުސޫލާ ހިލާފުވެގެން ކަމަށް ބުނެ މީގެ 3 މަސްކުރިން ހައްޔަރު ކުރި ޒުވާނަކު މަރުވާއެކު އީރާނުގައި ކުރިއަށް ދާ މުޒާހަރާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ކޯޓު ހުމުކެއްގެ ދަށުން މީހަކު މަރާލައިފިއެވެ.

އީރާނުގެ ނޫސް އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، މަރާލި މީހަކީ، ބޮޑު ވަޅިއަކުން ފުލުހަކަށް ހަމަލާ ދީ މަގުތައް ބަންދުކުރުމުގައި ހަރަކާތްތެރިވި މީހެއް ކަމަށެވެ. މި މީހާ މަރާލާފައި ވަނީ މިހާދިސާ އާ ގުޅިގެން 5 މީހަކު މަރަން ކުރި ހުކުމް އިސްތިއުނާފު ކުރުމުން ސްޕްރީމްކޯޓުން ވެސް އެ ހުކުމް ދެމެހެއްޓުމުންނެވެ.

އޭނާ މަރަން ކުރި ހުކުމް، އިސްތިއުނާފު ކުރުމުން އެގަުއމުގެ ސްޕްރީމް ކޯޓުން ބުނެފައި ވަނީ އޭނާ ކުރި ކުށަކީ "ހެއްދެވި ފަރާތާ ދެކޮޅަށް ކުރި ހަނގުރާމައެއް" ކަމަށާއި އެހެން ކަމުން އޭނާ މަރަން ތާއީދު ކުރާ ކަމަށެވެ.

މި ކަމާ ގުޅޭ އިތުރު ތަފްސީލުތަކެއް އަދި ނެތެވެ.

ހެދުން އަޅާ ގޮތުގެ މައްސަލަ އީރާނުގައި ހޫނުވެ 3 މަހަށް ދިގުލީ މުޒާހަރާތަކުގައި 300 އެއްހާ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. ފުލުހުންނާއި އާންމުންގެ މެދުގައި ކުރިމަތިލުންތައް ހިނގާއ ިރު، ތަންތަން ރޯކޮށް، މަގުތަކުގައި ހުޅުޖަހާ ހަދާފައި ވެއެވެ. އަދި މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ބަޑިޖަހާ ހަދާފައި ވެއެވެ.

މުޒާހަރާތަކުން މިހާތަނަށް 3000 އެއްހާ މީހުން ހައްޔަރު ކޮށްފައި ވާ އިރު، އީރާނުގެ އެތެރެއާއި ބޭރުން އަންނަ ޕްރެޝަރާ ހުރެ، އީރާނުގެ އަންހެނުން ހެދުން އަޅާ އިރު ބުރުގާ އަޅާތޯއާއި ލަނީ ގަޔަށް ދޫ ހެދުންތޯ ބަލައި ޔަގީން ކުރާ "މޯރަލިޓީ ޕޮލިސް" ފޯސް މިވަގުތު ވަނީ ސަސްޕެންޑް ކޮށްފައެވެ.

މޯރަލިޓީ ޕޮލިސް ސަސްޕެންޑް ކޮށްފައި ވާ އިރު، ހެދުން އެޅުމާ ބެހޭ ގޮތުން އޮތް ގާނޫނު މުރާޖައާ ކުރާނެ ކަމުގެ އިޝާރާތެއްވެސް އީރާނުން ވަނީ ދީފައެވެ.