ހަކަތަ ބޭނުން ކުރުމަށް ދައުލަތުން ކުރާ ހަރަދު ކުޑަ ކުރުމަށްޓަކައި ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑު ތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާ ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ބައެއްގެ ގޮތުގައި، ލިންކު ރޯޑުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަން ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކުރީ 2020 އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މިއަދު މި މަސައްކަތް ފެށީ އެކަމަށް ހާއްސަކޮށް މިއަދު ހުޅުމާލެ ލިންކް ރޯޑްގެ އައިލެންޑް އޭރިއާގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. އެގޮތުން އެ ސަރަހައްދުގައި ގާއިމުކޮށްފައި ހުރި ސްޓްރަކްޗާގައި ފުރަތަމަ ޕެނަލްތައް ހަރުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ، ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާޓިން ރެއިސާގެ އިތުރުން ވޯލްޑް ބޭންކާއި ސްޓެލްކޯ އަދި އެޗްޑީސީގެ އިސްވެރިންނެވެ.

ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ހަފްލާގައި ބައިވެރިވި ފަރާތްތަކުން ފޮޓޯއަކަށް ހުއްޓިލައިގެން

އެސްޕަޔާގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމް ކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ގާބިލުކަމަށް ބަލައި، އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެންސިސް ކޯ ލިމިޓެޑުން ވަނީ ސޯލާ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅީގައި ސްޓީލް ސްޓަކްޗަރެއް ގާއިމު ކޮށްފައެވެ. އެ ސްޓަރަކްޗާގެ މަތީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެ ކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާޓާ ނިމުމުގެ ކުރިން ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.