ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގުތުލުއާންމެއް ހިންގަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ތުހުމަތު ކުރެއްވުމުން އަބުރުގެ ދައުވާކޮށް 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގެންފިއެވެ.

އެ މައްސަލަ ސިވިލް ކޯޓުން އިއްޔެ ބަލައިގެންފައިވާއިރު އެ މައްސަލަ ހުށަހަޅާ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ރައީސް ނަޝީދުގެ އަބުރާ ބެހިވަޑައިގެން އަބުރަށް ގެއްލުން ލިބޭ ގޮތަށް ޝަރީފް ޓްވީޓް ކުރައްވާފައި ވާތީ އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި ދީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ.

މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި އެދިފައި ވަނީ އެމަނިކުފާނަށް ނިސްބަތްކޮށް އިބްރާހިމް ޝަރީފް ނޮވެމްބަރު 25، 2022 1:37 ގައި ޕަބްލިޝްކޮށްފައިވާ ޓުވީޓުގައި ލިޔެފައިވާ ދޮގު ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ނަޝީދު 50 މީހުން މަރަން އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.