ދިވެހި ފުލުހުންގެ ހިދުމަތުގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ޖުލައި މަހު ރާއްޖެ ގެނައި އެ ކުއްތާތައް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ކަމަށެވެ.

އެ ކުއްތާތަކަކީ ނުރައްކާތެރި ގޮވާ ތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށާއި އެ ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް ކަމަށްވާ ކަސްޓަމްސްއާއި އެމްޕީއެލްއާއި އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ފަރާތްތަކުގެ އިވެެންޓުތަކުގައިވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކުރަމުންގެންދާ ކަމަށެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާ ކަމަށާއި ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.