ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.
އެގޮތުން ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ މާމިގިލީ ސިއްހީ މަރުކަޒަށް އެ ކުންފުނިން ވަނީ ހެލްތް ކިޓް ހަދިޔާ ކޮށްފައެވެ.
އުރީދޫއިން ބުނީ ހެލްތް ކިޓްތައް ބެހުމަށް ހަމަޖެހިފައި ވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑި (ގްލޯބަލް ގޯލްސް) ކަމަށްވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
އެ ހެލްތް ކިޓުތަކަކީ ސްޓެތެސްކޯޕާއި ޑިޖިޓަލް ސްފިގްމާނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕް ޑިޖިޓަލް ތާމޯމީޓަރާއި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ ގޮތަައް ތައްޔާރު ކުރެވިފައިވާ ކިޓްތަކެކެވެ.
އެކަމާ ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ކިޓްތައް ހަދިޔާކޮށް ސިއްހީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ކޮވިޑްގެ ޕެންޑެމިކް އަށް ފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައި ވާތީ އުރީދޫއިން ވަނީ 2022 ވަނަ އަހަރުގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި ހެލްތް އެންޑް ވެލްނެސް އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މުހިންމުކަމެއް ދީފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި ރެކްރިއޭޝަނަލް ކްލަބްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް ވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތް ކުރަމުންނެވެ.
ސިއްހަތާއި އިޖުތިމާއީ އަދި ކުޅިވަރުގެ ކަންކަމުގައި އެއްބާރުލުން ދީ އެހީތެރިވާ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވޭ އުރީދޫއިން 2018 ވަނަ އަހަރު ވެސް ވަނީ އޮކްސިޖަން ސިލިންޑަރާއި އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ހެލްތް މިނިސްޓަރީއަށް ހަދިޔާ ކޮށްފައެވެ. ހަމަައެއާާއެކު ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫއިން ދިވެހި ސަރުކާރަށް ވަނީ 2،500،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.