ޖަލު ތެރެއިން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގާ ކަމަށް ބުނެ، ސަލާމަތީ ބާރުތަކުން މާފުށި ޖަލު ޗެކުކުރަން ފަށައިފިއެވެ.

ފުލުހުންނާއި ކަރެކްޝަންސް އިން ކުރި ޓްވީޓް ތަކެއްގައި ބުނީ، މާފުށި ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިގެން، މާފުށި ޖަލު ޗެކްކުރަން ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގަނީ ކަރެކްޝަންސްގެ އެދުމުގެ މަތިން، ސިފައިންނާ ގުޅިގެން ކަމަށް، ފުލުހުން ބުންޏެވެ.

ނަމަވެސް އެ އޮޕަރޭޝަންގެ އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

ސްކޭމާ ދެކޮޅަށް މާފުށި ޖަލުގައި އޮޕަރޭޝަނެއް ފަށާފައިވާއިރު، ސްކޭމްގެ މައްސަލަތައް އިތުރުވާތީ ކަމާ ގުޅޭ މުއައްސަސާތަކުން ވަނީ އެކަމާ ގުޅިގެން ހާއްސަ ވޯކްޝޮޕެއް ބާއްވައިފައެވެ.

އެ ވޯކްޝޮޕް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، 2019 ޖެނުއަރީން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 998 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.

"ސްކޭމްގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލައެއް. މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަތަ ހުށަހަޅާފައިވޭ. އަދި ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވޭ." ހަމީދު ވިދާޅުވިއެވެ.