ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަ ކުރާ 8 ޓީމުގެ ތެރެއިން 6 ޓީމެއް މިހާރު މިވަނީ އެނގިފައެވެ. މިގޮތުން، ކުއާޓާގައި ނެދެލޭންޑްސް އަދި އާޖެންޓީނާ ކުޅޭނެ އިރު އިންގްލޭންޑް ކުޅެން ޖެހެނީ ފްރާންސާއެވެ. އަދި ކްރޮއޭޝިޔާ ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.

މިރޭ ދެވަނަ ބުރުގެ ފަހު މެޗުތައް ކުޅެ ނިންމާ އިރު ބާކީ ދެން އިން ކުއާޓާ ފައިނަލްގެ މެޗުގައި ވާދަ ކުރާނެ ޓީމުތައް ވެސް އެނގިގެންދާނެއެވެ.

ރޭގަނޑު 8 ޖަހާ އިރު ސްޕެއިން ބަލިކޮށްގެން މޮރޮކޯއަށް ތާރީހުގެ ތެރެއަށް ދިއުމުގެ ފުރުސަތު

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 7-0 އަކުން ކޮސްޓާރީކާ ބަލިކުރި ސްޕެއިން އަކީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ. އެހެން ނަމަވެސް ހަގީގަތަކީ އެމެޗުގެ ފަހުން ސްޕެއިންއަށް މުބާރާތުގައި އެހެން މެޗަކުން މޮޅުވެވިފައި ނުވާ ކަމެވެ. އަދި އެޓީމު ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެހެން ނަމަވެސް ދެވަނަ ބުރުގައި މިހާތަނަށް އެނގުނު އެއްޗަކީ ގްރޫޕް ސްޓޭޖްގައި އާދައިގެ ކުޅުމެއް ދެއްކި ބޮޑެތި ޓީމުތަކުން ގަދަ 16 ގައި އެޓީމުތަކުގެ 'ގަދަ' ކަން ދައްކާ ކުއާޓާއިން ޖާގަ ކަށަވަރުކޮށްފައިވާ ކަމެވެ. އެހެން ކަމުން މޮރޮކޯއާ ދެކޮޅަށް ނިކުންނަ އިރު ސްޕެއިނަކީ ފޭވަރިޓުންނެވެ.

ސްޕެއިން އަކީ މި މުބާރާތުގައި އެންމެ ގިނައިން ލަނޑު ޖެހި އެއް ޓިމު/ފޮޓޯ: ޓުވިޓާ

މޮރޮކޯއަކީ މިފަހަރުގެ ގަދަ 16 އިން ފެންނާނެ ކަމަށް ގިނަ ބަޔަކު ހީނުކުރާ ޓީމެވެ. މޮރޮކޯގެ ތާރީހުގައި ވެސް ދެވަނަ ފަހަރަށް މި ހިސާބަށް އެޓީމުން ދިޔަ އިރު މިރޭ ސްޕެއިން ބަލިކޮށްގެން މޮރޮކޯ ޓީމަށް ތާރީހުގެ ތެރެއަށް ދެވޭނެއެވެ. އެއީ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދެވޭ ޓީމަކަށް އެޓީމު ވާނެއެވެ. މޮރޮކޯ މިހާ ހިސާބަށް ގޮސްފައިވަނީ ގްރޫޕް ސްޓޭޖްގައި ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެގެންނެވެ.

މޮރޮކޯގެ ޒިއެޗް ވަނީ މެޗުގެ 4 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާ ދީފައި/ފޮޓޯ: ފީފާ

ދަންވަރު 12 ޖަހާ އިރު ސުވިޓްޒަލޭންޑް އަދި ޕޯޗުގަލްގެ ކުރިމަތިލުމެއް

މިމުބާރާތުގައި ޕޯޗުގަލް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ކަމުން މިރޭ މެޗުން ސުވިޓްޒަލޭންޑް ބަލިކޮށް ކުރިއަށްދާނެ ކަމަށް ގިނަ ބަޔަކު ބުނަނީ ޕޯޗުގަލް ކަމަށެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވި ޕޯޗުގަލް ވަނީ މުބާރާތުގައި ޖުމްލަ 6 ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް އެޓީމުގެ ކޮޅަށް ވެސް ވަނީ 4 ލަނޑު ވަދެފައެވެ. އެހެން ކަމުން ކޯޗު ފެނާންޑޯ ސެންޓޯސް މިކަމަށް ފަރުވާ ދިނުމަށް ކުޅުންތެރިންނަށް އިރުޝާދު ދޭނެ ކަން ޔަގީނެވެ.

ޕޯޗުގަލް މިވަނީ ގްރޫޕްގެ އެއްވަނައަށް އަރާފައި/ ފޮޓޯ: ފީފާ ޓުވިޓާ

ސުވިޓްޒަލޭންޑަށް ބަލާ އިރު އެޓީމުން މިހާ ހިސާބަށް އައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެގެންނެވެ. އެޓީމުން ޖުމްލަ 4 ލަނޑު ޖަހާ ފައިވާ އިރު ބައިކޮޅަށް 3 ލަނޑު ވަނީ ވަދެފައެވެ.

ސުވިޓްޒަލޭންޑްގެ އެމްބޯލޯ ވަނީ މުބާރާތުގައި ދެ ލަނޑު ޖަހާފައި/ފޮޓޯ:ފީފާ

މީގެ ކުރިން 12 ފަހަރެއްގެ މަތިން ވޯލްޑްކަޕްގައި ކުޅެފައިވާ ސުވިޓްޒަލޭންޑް ވަނީ ތިން ފަހަރެއްގެ މަތިން މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މިގޮތުން، އެންމެ ފަހުން އެގައުމުން ކުއާޓާއާ ހަމައަށް ދިޔައީ މީގެ 68 އަހަރު ކުރިންނެވެ.