ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި މުހައްމަދު އާބިދުގެ ވަކީލު ތަނާޒުލްވި ފަހުން ދެ މަސް ވެއްޖެ ކަމަށާއި، އޭގެ ފަހުން ވެސް ފައިސާ ދައްކާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ އޭޕްރިލް 16 ގައި އެ ރެސްޓޯރަންޓުގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ރެސްޓޯރަންޓުގެ ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލައިގައި، ޕާކިސްތާނުގެ އާބިދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވީ، މައްސަލައިގައި އަޑުއެހުމެއް ބޭއްވިތާ ދެ މަސްދުވަސް ފަހުންނެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ތާވަލުކޮށްފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ތިން ހެއްކެއްގެ ހެކިބަސް ދިނުމަށެވެ. ނަމަވެސް އާބިދުގެ ވަކީލް ތަނާޒުލްވުމުން އެ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ އިސްގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ، އެ މައްސަލައަކީ މަރުގެ މައްސަލައަކަށް ވުމުން ދިފާއީ ވަކީލަކާ ނުލާ ކުރިއަށް ދިއުން ރަނގަޅު ނޫން ކަމަށާއި، އެހެންކަމުން ދިފާއީ ވަކީލަކު ހަމަޖައްސަން އާބިދަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ގާޒީ ސުވާލުކުރެއްވުމުން އާބިދުގެ ބައްޕައާ ހަވާލާދީ އޭނާ ބުނީ، މީގެ ކުރިން އޭނާގެ ވަކީލަކަށް ހުންނެވި އިބްރާހީމް އަލީ އަލުން އެ މަގާމަށް ހަމަޖެއްސުމަށްޓަކައި ދެވަނަ ފަހަރު ފައިސާ ދީފައިވާ ކަމަށެވެ.

ނަމަވެސް، އެ ވަކީލުގެ ހަބަރެއް ނުވާ ކަމަށާއި، އާއިލާ ބައްދަލުވުން ލިބެނީ ކޮންމެ 15 ދުވަހަކު އެއް ފަހަރު ނުވަތަ މަހަކު ދެ ފަހަރު ކަމުގައިވުމުން، ވަކީލަކު ހަމަޖެއްސުމުގައި ދަތިތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އެއާއެކު ގާޒީ ޝަފީއު ވަނީ، ވަކީލަކު ހަމަޖައްސަން އާބިދަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ދައުލަތަށް އަންގަވައިފައެވެ. އަދި މައްސަލައިގެ އަޑުއެހުން ނިންމަވާލައްވައި، ދެން އަޑުއެހުމެއް ބާއްވަނީ އާބިދަށް ވަކީލަކު ހަމަޖެހުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 16 ގައި ހިންގި މާރާމާރީއެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ ޝަމީމް މަރާލި މައްސަލައިގައި އާބިދުގެ މައްޗަށް ކުރާ ދައުވާގައި، އޭނާ ގަސްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ވެއެވެ. އެ މާރާމާރީ އާ ގުޅިގެން އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ފިލައިގެން އުޅެނިކޮށް، ނުވަ ގަޑިއިރުވީ ފަހުންނެވެ. އޭރު އޭނާ ހޯދަން ފުލުހުން ފޮޓޯ ވެސް އާންމުކޮށް އިއުލާނުކޮށްފައިވެއެވެ.