ކ. އަތޮޅު ކުޑަގިރީގައި ޑައިވް ސެންޓަރެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، އެ ޕްރޮޖެކްޓަށް އެންމެ އިސްކަންދޭ ބިޒްނަސް މޮޑެލަކީ ލޭންޑް ލީޒް ރައިޓްސް މޮޑެލް ކަމަށާއި ނަމަވެސް ހުށަހެޅޭ އީއޯއައި އަކީ ހަމައެކަނި އެ މޮޑެލް އަށް އެކަނި ބައްޓަން ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. ލީޒް ރައިޓްސް މޮޑެލްއަށް ބެލުމެއް ނެތި، ޕްރޮޕޯސަލް ހުށަހަޅާ އިރު، ދެ ފަރާތަށް ވެސް ލިބޭނެ ފައިދާތައް ވަރަށް ސާފުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަސައްކަތަށް އެއް ޕްރޮޕޯސަލްއަށް ވުރެ ގިނަ ޕްރޮޕޯސަލް ލިބިއްޖެ ނަމަ، އެ ކޯޕަރޭޝަންގެ ވިސްނުމާއި ސްޓްރެޓެޖިކް މަގްސަދުތަކާއި ތަރައްގީގެ ޕްލޭނަށް ފެތޭ އީއޯއައި ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި، ޕްރޮޕޯޒަލް ބިޒްނަސް މޮޑެލް، އޮޕަރޭޓާ އަދި ޑިވެލޮޕާ ނުވަތަ ކޮންޓްރެކްޓާގެ ތަޖުރިބާ، ހުށަހެޅި ފަރާތް އަދި ފައިނޭންޝަލް ސްޓެބިލިޓީ، ކޭޕަބިލިޓީ އަދި ސީއެސްއާރު ކޮންޓްރިބިއުޝަނަށް ބަލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓަށް އެންމެ ކުޑަމިނުން ބަލައިގަނެވޭނެ ސީއެސްއާރު އަގަކީ އަކަފޫޓަކަށް 340 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

އީއޯއައި ޕްރޮސެސް ބާތިލުކޮށް، ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް ހުރިހާ ޕްރޮޕޯސަލްތަކެއް ބާތިލް ކުރުމުގެ އިހްތިޔާރުވެސް އެޗްޑީސީއަށް ލިބިގެންވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި ޕްރޮޕޯސަލެއް ބާތިލް ކޮށްފި ނަމަ އެކަން އަންގައި، ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކަށް އަނބުރާ ރައްދުކޮށް ދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. "އިންވެސްޓްމަންޓް ގައިޑްލައިން"ގެ "ސްޓޭޖް 1- ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ގައި ކަނޑައަޅާފައިވާ ފޯމާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކޮށްފައިވާ އީއޯއައި އެޕްލިކޭޝަން ފޯމާއި ޑޮކިއުމެންޓް ސެޓް ހުށަހަޅަން ވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އީއޯއައި ހުށަހަޅާނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީގެ ހެޑްއޮފީހުގައި ހުންނަ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް ކަމަށް އެޗްޑީސީން ބުނެއެވެ.