ޔަހޫދީ އިޒްރޭލުގެ އާ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ ގެ އާ ސަރުކާރުން، ފަލަސްތީނުގެ ބިންތަކަށް އަރާ ހިފައި، އެތަންތަނުގައި ގަވައިދާ ހިލާފަށް ގެދޮރު އެޅުމާ ދެކޮޅު ހައްދަވާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ މިހާރު ވަނީ ފަލަސްތީނުގެ ބިންތައް ހިފާ ގެދޮރުއެޅުމަށް ތާއީދު ކުރާ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީތަކާ ކޯލިޝަން ހަދާ ސަރުކާރެއް އެކުލަވާލަން ބޭނުންވާ މެޖޯރިޓީ ކަށަވަރު ކޮށްފައެވެ.

ނަތަންޔާހޫ ވެރިކަމަށް އައުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަވެރިވެފައި ވާ ބިރަކީ، ގަދަބާރުން ހިފައިގެން އުޅޭ ހުޅަނގު އައްސޭރި އާއި އިރުމަތީ ޖަރޫސަލަމުގައި އޭނާ އިތުރު ގެދޮރު އަޅާފާނެ ކަމުގެ ބިރެވެ.

ގަދަބާރުން ބިންތައް ހިފާ، އެބިންތަކުގައި ގެދޮރު އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާ ކަމެއް ނަމަވެސް ނަތަންޔާހޫ އަކީ އޭނާ ބޮޑުވަޒީރުކަން ކުރި 12 އަހަރުގެ ތެރޭގައި އެ ސަރަހައްދުތަކުގައި ރެކޯޑް އަދަދަކަށް ގެދޮރު އެޅި މީހެކެވެ.

އޭނާ ކޯލިޝަން ހެދި ރިލިޖަސް ޒައޮނިޒަމް ޕާޓީ އަކީ ވެސް ޔަހޫދީ ގެދޮރު ޕްރޮގްރާމް ކުރިއަށް ގެންދަން ތާއީދު ކުރާ ޕާޓީއަކަށް ވާ އިރު ހުޅަނގު އައްސޭރީގައި ހިންގާ ގެދޮރު ޕްރޮގްރާމް ބަލަހައްޓަން އާ ސަރުކާރުގައި ހަވާލު ކޮށްފައި ވަނީވެސް އެ ޕާޓީއަށެވެ.

ގެދޮރު ޕްރޮގްރާމާ ދެކޮޅު ހައްދަވާނެ ކަމަށް ބްލިންކެން ވިދާޅުވެފައި ވާ އިރު އެެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމަށް ވަޑައިގެން ވިދާޅުވެފައި ވަނީ ޔަހޫދީ އިޒްރޭލުގެ މަސްލަހަތުތައް ދިފާއު ކުރައްވާނެ ކަމަށެވެ. ބައިޑަން އެހެން ވިދާޅުވެފައި ވަނިކޮށް ބްލިންކެން މި މޭރުމުން ވާހަކަ ދެއްކެވުމުން ސުވާލު އުފެދުނު ނަމަވެސް އޭނާ ވިދާޅުވީ، ފަލަސްތީނަކީ ވަކި ސްޓޭޓެއްް ނުވަތަ ސަރުކާރެއް ކަން ކަނޑަ ނޭޅުނަސް އުއްމީދު ގެއްލުނަ ނުދޭން އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެލްޖީބީޓީކިޔު (އެއްޖިންސުން ގުޅުން ހިންގުމާއި ޖީންސް ބަދަލުކުރުމާއި ބައިސެކްޝުއަލް ނުވަތަ ޖިންސީ ގުޅުން ހިންގުމުގައި ކޮންމެ ޖީންސެއް ވަރިހަމަވުން) ގެ ހައްގުތައް އެންމެނަށް ލިބިދޭކަން ކަށަވަރު ކުރުމާއެކު ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްތައް ދެމެހެއްޓުމުގައި އިޒްރޭލުގެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ލިބިދޭން ޖެހޭނެ ކަމަށެވެ.

ނަތަންޔާހޫ އެކުލަވާލައި ސަރުކާރުގައި ހިމެނޭ ކަނާއަތުފިޔާގައި ނޯއާމް ޕާޓީގެ ލީޑަރަކީ އެލްޖީބީޓީކިއު އަށް ތާއީދު ކުރާ މީހެއް ނޫނެވެ. ދެން އެ ކޯލިޝަންގައި ހިމެނޭ ކަނާއަތުފިޔައިގެ ޖްވިޝް ޕާޓީ އަކީ ޓެރަރިޒަމާއި، އެލްޖީބީޓީކިއު އަށް ތާއީދު ކުރުމުގެ އިތުރުން، ގަވައިދާ ހިލާފަށް ގެދޮރު އެޅުމަށް ތާއީދު ކޮށް ފަލަސްތީނުގެ ރައްޔިތުންނާ މެދު ފާޅުގައި ނަފްރަތު އުފައްދާ ފަލަސްތީނުގެ ރައްޔިތުން ނައްތާލަން ފާޅުގައި ގޮވާ ޕާޓީއެކެވެ.

މިހާރު އެ ޕާޓީގެ ލީޑަރު ބުނަނީ، ފަލަސްތީނުގެ އެންމެހާ ރައްޔިތުން ނައްތާލަން ނުގޮވާނެ ކަމަށާއި ނައްތާލަން ވީ ޓެރަރިސްޓުންނާއި ޣައްދާރުން ކަމަށެވެ.

ނަތަންޔާހޫ ފަލަސްތީނުގެ އިތުރު ބިންތައް ހިފާ، އިތުރު ގެދޮރު އަޅާނަމަ އެކަން ވާނީ، 2020 ވަނަ އަހަރު އޭނާ ޔޫއޭއީއަށް ދިން އިތުބާރާ މުޅިން ހިލާފު ކަމަކަށެވެ. އޭނާ އެކަން ނުކުރާނެ ކަމަށް ބުނެ ވައުދުވުމުން މެދުއިރުމަތިން ސިޔާސީ ގުޅުން އުފެއްދި ފުރަތަމަ އަރަބި ގައުމަކީ ޔޫއޭއީއެވެ.