ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދިން ބިދޭސީއަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ބޮކުލް ހޮސައިންގެ މައްޗަށެވެ.

އޭނާއަށް ކޮށްފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ 2020 ވަނަ އަހަރު ޑިސެމްބަރު މަހު 16 ވަނަ ދުވަހުގެރޭ މާލޭ ކެނެރީގޯޅި-ހަވީރީ ހިނގުމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ބައްކު އަލީގެ ދަތްދޮޅިއާއި ބޮލާއި މޭމައްޗާއި ވާތް ފަރާތު ކިހިލިފަތް ދޮށުން ފެށިގެން ވާތް ފަރާތު ބޮނބިފަޅިއަށް ވަޅިން ހަމަލާދިން މައްސަލައިގައެވެ.

މި މައްސަލައިގައި ބޮކުލް ދައުވާއަށް އިންކާރުކުރި ނަމަވެސް ހުށަހެޅި ހެއްކާއި ގަރީނާއަށް ރިޔާއަތް ކުރައްވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ބޮކުލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވީ، ބޮކުލް 10 އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބޮކުލް މިހާރު ތަންފީޒު ކުރަންޖެހޭނީ އަށް އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު ހުކުމެކެވެ.