އީރާނުގެ އަންހެނުން ހެދުން އަޅާ އިރު ބުރުގާ އަޅާތޯއާއި ލަނީ ގަޔަށް ދޫ ހެދުންތޯ ބަލައި ޔަގީން ކުރާ "މޯރަލިޓީ ޕޮލިސް" ފޯސް ސަސްޕެންޑް ކުރާނެ ކަމުގެ އިޝާރަތެއް އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ދެއްވައިފިއެވެ.

ހެދުން އެޅި ގޮތުގެ މައްސަލައިގައި މީގެ 3 މަސް ކުރިން ފުލުހުން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މާޝާ އަމީނީ، ބަންދުގައި ހުއްޓާ މަރުވި މައްސަލާގައި ކުރަމުން ދާ މުޒާހަރާތައް 3 މަހަށް ދިގުލައިގެން ގޮސްފައި ވަނިކޮށް، މި ބަދަލާ ދިމާއަށް ދާން އީރާނުން ނިންމީ އާންމުންގެ ޕްރެޝަރު ބޮޑުވެގެންނެވެ.

މޯރަލިޓީ ޕޮލިސް ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޖަފަރު މޮންޓަޒޭރީ ވިދާޅުވީ، މޯރަލިޓީ ފުލުހުންގެ ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލާފައި ވާ ކަމަށެވެ. ނަމަވެސް ދާ އިމަށް ސަސްޕެންޑް ކުރި ކަމަކަށް، އީރާނުގެ އެއްވެސް އިދާރާ އަކުން ނުބުނެއެވެ.

އޭނާ އާ ހަވާލާދީ އީރާނުގެ ބައެއް މީޑިއާތަކުން ބުނީ، މޯރަލިޓީ ފުލުހުންނަކީ ޖުޑިޝަރީއާ ގުޅުން ހުރި ބައެއް ނޫން ކަމަށާއި، އެ ފޯސް މިވަގުތަށް ސަސްޕެންޑް ކޮށްފައި ވަނީ އެ ފޯސް އުފަންކުރި ތަނުން ކަމަށެވެ.

މި މޭރުމުން އީރާނުގެ ޕްރޮސެކިއުޓާ ޖެނެރަލް ވާހަކަ ދެއްކެވި އިރު، ހެދުން އެޅުމާ ބެހޭ ގޮތުން އެގައުމުގައި އަމަލު ކުރަމުން ދާ ގާނޫނަށް ހަދާނެ ގޮތެއްގެ ވާހަކައެއް އޭނާ ނުދައްކަވައެވެ.

އީރާނުގެ މޯރަލިޓީ ފުލުހުންނަކީ ހާއްސަ އިމްތިޔާޒުތަކެއް ދީ މަގުމަތި ބަލަހައްޓާ ފޯސް އެކެވެ. އެމީހުން ހަރަކާތްތެރި ވަނީ ހުދާއި ފެހިކުލައިގެ ވޭންގައެވެ. އެމީހުން ޕެޓްރޯލް ކުރަމުން ދާ އިރު، ހެދުން އެޅުމުގެ ގާނޫނާއި އުސޫލުތަކާ ހިލާފަށް ތިބޭ މީހުންނަށް އެކަން ހަނދާންކޮށްދީ ރަނގަޅު ކުރަން އެންގުމުގެ އިތުރުން، ބޭނުން ވެއްޖެ ހާލަތެއްގައި އެކަމާ ގުޅޭ ތައުލީމު ދޭން ކަމަށް ބުނެ ބައެއް މީހުން އެޑިއުކޭޝަން ސެންޓަރަކަށް ގެންދެއެވެ.

މިފަހުން އީރާނުގެ ވެރިރަށް ތެހެރާނުގެ މަގުމަތިން މި ވޭން ތައް ފެނިފައި ނުވާ އިރު މީގެ 3 މަސް ކުރިން މަރުވި މާޝާ އަމީނީ އަކީ އޭރު އެ އެޑިއުކޭޝަން ސެންޓަރަށް ގެންދިޔަ ޒުވާނެކެވެ. އޭނާ މަރުވީ ކުއްލިއަކަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކޯމާއެއްގައި އޮވެ 3 ވަނައަށް ވީ ދުވަހުއެވެ. މިހާދިސާއާ ގުޅިގެން އީރާނުގެ މަސްރަހު ނުތަނަވަސްވެ، އިހުތިޖާޖުތަކެއް ފެށިގެން ދިޔަ ވަގުތު، އޭނާގެ އާއިލާއިން ތުހުމަތު ކުރީ، މާޝާގެ ބޮލުގައި އެއްޗަކުން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާގައި މަރުވީ ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނީ އޭނާ މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

މާޝާ އަމީނީގެ މަރާއެކު އީރާނުގެ 34 ސިޓީއެއްގައި ބޮޑެތިމުޒާހަރާތައް ކުރިއެވެ. އެ މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމުން އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 300 އެއްހާ މީހުން ވަނީ މަރުވެފައެވެ.