ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑު ރެކޯޑެއް އޮތް މީހަކު ކޯސްޓްލައިން ކުންފުނީގެ ތިޖޫރިއެއް ފަޅާލަން އުޅެނިކޮށް، 59 ވަނަ ފަހަރަށް ހައްޔަރުކޮށް، 20 ވަނަ ފަހަރަށް ބަންދު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ވައްކަމާއި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ފެހިވިދުވަރު / އައްޑޫ ހިތަދޫ، މުހައްމަދު އިލްހާމް ޖުމްލަ 58 ފަހަރު ހައްޔަރު ކޮށް، 19 ފަހަރު ބަންދުކޮށްފައި ވެއެވެ. އޭނާ ހައްޔަރުކޮށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ އިއްޔެއެވެ.

ގާޒީ ސަފްއަތު ހަބީބު ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރުގައިވާ ގޮތުން:

  • އިލްހާމް ހިމެނޭހެން ތިން މީހަކު ހުއްޓުވާފައި ވަނީ ވައްކަން ކުރަން ވަދެ ހުއްޓާ
  • ނިދަން ކަމަށް ބުނެ އޭނާ ވަން ކަމަށް ބުނާ "ގުދަނަކީ" އޭނާ ވަންނަން ހުއްދަ އޮތް ތަނެއް ނޫން

ކޯޓު އަމުރުގައިވާ ގޮތުން، އޮފީހުގެ ތިޖޫރީގައި ބަޔަކު ތަޅާ އަޑުއިވިގެން އެކަން ފުލުހުންނަށް ރިޕޯޓުކުރާ ކޯސްޓްލައިންގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ފުލުހުން އައިސް 40 އަހަރުގެ އިލްހާމް ހިމެނޭހެން ތިން މީހަކު ހުއްޓުވައި ބަލާ ފާސްކުރިއިރު ވައްކަން ކުރުމުގައި އާންމުކޮށް ބޭނުންކުރާ ހަ ބާވަތެއްގެ 11 އާލާތެއް ފެނިފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވާ ގޮތުން އިލްހާމް ލައިގެން ހުރި ޖީންސުގެ ފަހަތު ޖީބުން އޮފީހުގެ މާސްޓާކާޑެއް ވެސް ފެނިފައިވެއެވެ.

އެ މައްސަލައިގައި ކުރިއަށް ދިއުމަށްޓަކައި ވަކީލަކު ބޭނުންވާ ކަމަށް އިލްހާމް ބުނުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ. ނަމަވެސް އެ މުއްދަތުގައި އޭނާ ވަކީލަކު އައްޔަން ކޮށްފައެއް ނުވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ބަންދުކުރުމަށް ހުކުމްކޮށްފައި ވަނީ 45 ދުވަހަށެވެ.

ފުލުހުން ވަނީ ރާވައިގެން ބޮޑެތި ވައްކަން ކުރާ ބަޔަކު ވެސް މިދިޔަ ހަފްތާގައި ހައްޔަރު ކޮށްފައެވެ.