އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަކީ އަހްލާގު ރަނގަޅު ބޭފުޅެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޮޒައިނާ އަށް ތައުރީފް ކުރައްވައިފިއެވެ.

ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ގދ. ތިނަދު އަށް އިއްޔެ ވަޑައިގެންނެވި ނަޝީދު، މިއަދު ގެންދަވަނީ ދޮރުން ދޮރަށް ވަޑައިގެން، ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

އެމަނިކުފާނު ދޮރުން ދޮރަށް ވަޑައިގެންނެވި އިރު، އާންމު މީހަކު ނަޝީދުގެ އަރިހުގައި ރޮޒައިނާ އާ ގުޅޭ ޝަކުވާ ކުރާ މަންޒަރު ފެންނަ 22 ސިކުންތުގެ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ނަޝީދުގެ އަރިހުގައި ޝަކުވާ ކުރި އެ މީހާ ބުނީ، އެ މީހާ ހާލުގައި ޖެހުނު އިރު އޭނާ އާ ބައްދަލުކޮށްފައި ނުވާ ކަމަށާއި، ރޮޒައިނާ ރައްްޔިތުންގެ މަޖިލީހުން ބޭރުކުރަން ވެއްޖެ ކަމަށެވެ.

"ނޫން، ނޫން. ރޮޒައިނާ [އަކީ] ވަރަށް އަހްލާގު ރަނގަޅު، ވަރަށް ރަނގަޅު ބޭފުޅެއް." ރޮޒައިނާ އަށް ތައުރީފު ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

"ރޮޒައިނާ އަޅުގަނޑުމެންގެ ދަތިތައް، އަޅުގަނޑު މިހުރީ އަސްލު މަގުމަތިވެފަ. މިރަށުގަ މި އުޅެން ޖެހުނީ މާލޭގަ ނުތިބެވިގެން ކުދިންގެ ކިޔެވުން ހަލާކުވެގެން ދިޔައީ، ވަޒީފާ ގެއްލިގެން ދިޔައީމަ." އެ މީހާ ނަޝީދުގެ އަރިހުގައި ޝަކުވާ ކުރަމުން ދިޔައެވެ.

"ރޮޒައިނާ އާ ބައްދަލެއް ވެސް ނުވި އުޅެ އުޅެ. ކީއްކުރާ މެންބަރެއްތޯ އެއީ؟"

ރޮޒައިނާ އަށް ތައުރީފް ކުރައްވާ ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، ނަޝީދަށް އެންމެ ގިނައިން ފާޑުވިދާޅުވާ އެއް ބޭފުޅަކީ ރޮޒައިނާއެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު ބޭއްވި ޖަލްސާއެއްގައި ވެސް ރޮޒައިނާ ވިދާޅުވި ގޮތުގައި، ނަޝީދަކީ މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރު އެއް ރައީސެވެ. އޭގެ ފަހުން ޓްވިޓާގައި ވެސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދެވި އިރު، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ރޮޒައިނާ އަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ.