މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކުރި ކުއާޓަލީ ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖެއިން ވަނީ 19372 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާ ބަލާއިރު، 2 ޕަސެންޓު އިތުރު އަދަދެކެވެ.

ރާއްޖެއިން އެކްސްޕޯޓު ކޮށްފައި ވާ މަހުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވާ މަހުގެ ބާވަތަކީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޔެވެ. މިގޮތުން މިއަހަރުގެ 3 ވަނަ ކުރާޓަރުގައި ރާއްޖެއިން 1343 މެޓްރިކް ޓަނުގެ ތާޒާ ރީނދޫ އުރަހަ ކަންނެލި ވަނީ އެކްސްޕޯޓު ކޮށްފައެވެ.

ފާއިތުވި އަހަރުތަކާ އަޅާ ބަލާއިރު މި އަހަރުގެ 3 ވަނަ ކުއާޓާގައި ރާއްޖެއިން އެކްސްޕޯޓު ކޮށްފައި ވާ މަހުގެ އުފެއްދުންތައް އިތުރުވެފައި ވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓުކުރި މިންވަރު އިތުުރުވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ތިންވަނަ ކުއާޓަރުގައި ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓު ކޮށްފައި ވަނީ ގަނޑުކުރި ކަޅުބިލަ މަހެވެ. މިގޮތުން ރާއްޖެއިން ވަނީ 4423 މެޓްރިކް ޓަނުގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓު ކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖެއިން ވަނީ 6505 މެޓްރިކް ޓަނުގެ ގަނޑުކުރި ކަންނެލި ވެސް އެކްސްޕޯޓު ކޮށްފައެވެ.

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މަސް ކުންފުނިތަކުން 14452 މެޓްރިކް ޓަނުގެ މަސް ގަތެވެ.