މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް 2 މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ތަހުގީގަށް ހޯދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަހަމަދު ސަލީމް (41އ) އަދި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ)އެވެ.

މި ދެމީހުން ފުލުހަށް ހާޒިރު ކުރަނީ މަކަރާއި ހީލަތު މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ދެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވާ ކަމަށެވެ.

މި ދެމީހުން ވެސް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް، މި މަހުގެ 8 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން ފުލުހުން ކުރި އިއުލާންގައި ވަނީ އަންގާފައެވެ.

މަކަރާއި ހީލަތްހަދާ އޮޅުވައިލައިގެން އެޕާޓްމަންޓް ކުއްޔަށް ދޭން އުޅޭ މައްސަލަތައް މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ.