ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ރަނގަޅު ކަމަށް އެ ކޮމިޝަނުގެ މެންބަރުންނަށް ފެނުނު ކަމުގައިވީ ނަމަވެސް، އެ ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތް އިސްލާހުކުރަން ފެންނަ ކަމަށް، އާންމުންގެ ތެރެއިން ގިނަ މީހުން ބުނެފިއެވެ.
މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާލާއިރު، އެ ކޮމިޝަން އެކުލެވިގެން ވަނީ މަތީ ކޯޓުތަކާއި ދަށު ކޯޓުތަކުން އިންތިހާބުކުރާ ތިން ފަނޑިޔާރުންނާއި، ވަކީލުކުރުމުގެ ހުއްދަ އޮތް ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި، ބަންޑާރަނައިބުގެ އިތުރުން މަޖިލީހުގެ ރައީސާއި، މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައީސް އައްޔަނުކުރައްވާ މީހެއްގެ މައްޗަށެވެ.
އެ ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި އެކަމާ ގުޅޭ މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 2 ގައެވެ. ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ބަންޑާރަނައިބުގެ އޮފީހުން ވަނީ ޖޭއެސްސީގެ އިތުރުން، ކޯޓުތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން، އާންމުންގެ ހިޔާލު ވެސް ހޯދައިފައެވެ.
ބަންޑާރަނައިބުގެ އޮފީހުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޖޭއެސްސީން ބުނީ، އެ ކޮމިޝަން އިސްލާހުކުރާނަމަ ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކަމަށާއި، ރަނގަޅު ވާނީ ފަނޑިޔާރުންނާއި ފަނޑިޔާރުން ނޫން ފަރާތްތަކާ ދެމެދު ރަނގަޅު ބެލެންސެއް ގެނެވޭނެ ގޮތެއްގެ މަތިން އެކުލަވާލެވޭ ކޮމިޝަނެއް ގާއިމްކުރެވިގެން ކަމަށެވެ.
އޭގެ އިތުރުން ޖޭއެސްސީން ބުނީ:
- އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރަނީ ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުން ކަމަށްވާއިރު، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ހިމެނުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް
- ނަމަވެސް ސިޔާސީ މެންބަރުން ތިއްބަސް ކޮމިޝަންގެ މަސައްކަތްތަކަށް ނުފޫޒު ނޮފޯރާނެ ކަމަށް
- ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މެންބަރުން މަދުކުރަން ފެންނަ ކަމަށް
ނަމަވެސް، ޖޭއެސްސީ އެކުލެވިގެންވާ ގޮތާ މެދު އާންމުން ދެކޭގޮތް ސާފުކުރުމަށްޓަކައި މިދިޔަ އޮކްޓޯބަރު މަހުގެ 5 އިން 20 އަށް ހުޅުވާލި ފުރުސަތުގައި ހިޔާލު ހުށަހެޅި 115 މީހުންގެ ތެރެއިން 91 ޕަސެންޓު މީހުން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް ފެންނަ ކަމަށް ހިޔާލު ހުށަހަޅައިފައެވެ.
ޖޭއެސްސީ އިސްލާހުކުރަން ބޭނުންވާ ކަމަށް ހިޔާލު ފާޅުކުރި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެ ކޮމިޝަނުން ކުރާ މަސައްކަތަށް ކޮންމެވެސް ވަރަކަށް ސިޔާސީ ނުފޫޒު ވަދެފައިވެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ބައެއް މެންބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިން ކަމަށްވުމެވެ.
އެކަމުގެ ސަބަބުން ފަނޑިޔާރުން ބިރުވެރިކަމެއްގެ ގޮތުގައި ތިބެން ޖެހި، މަސްލަހަތުތައް ފުށޫ އަރާ ހާލަތްތައް މެދުވެރިވާތީ ކޮމިޝަން އިސްލާހު ކުރަން ޖެހޭ ކަމަށް އާންމުންގެ ތެރެއިން ގިނަ މީހުން ހުށަހަޅާފައިވާ ހިޔާލުތައް ދައްކައެވެ.
އާންމުން ހުށަހަޅާފައިވާ ހިޔާލުތަކުން ދައްކާ ގޮތުގައި:
- ފަނޑިޔާރުކަން ކުރާ ފަރާތްތައް ހިމެނުމަށް އާންމުންގެ ތެރެއިން ގިނަ މީހުންނަށް ފެނޭ
- ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ތިން މަރުހަލާގެ ކޯޓުން ހިމަނަން ގިނަ މީހުންނަށް ފެނޭ
- ހައިކޯޓުގެ ފަނޑިޔާރެއް އަދި ދަށު ކޯޓުގެ ފަނޑިޔާރެއް ހިމަނަން އާންމުންގެ ތެރެއިން ގިނަ މީހުންނަކަށް ނުފެނޭ
- މަގާމުގައި ތިބި ފަނޑިޔާރުން ހިމެނުމުގެ ބަދަލުގައި ޝަރަފުވެރިކަމާ އެކު މުސްކުޅިކުރެވޭ ފަނޑިޔާރުން ހިމަނަން ގިނަ މީހުންނަށް ފެނޭ
- ބަންޑާރަނައިބާއި މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، އަދި މަޖިލިސް މެންބަރެއް ކޮމިޝަނުގައި ހިމަނަން ގިނަ މީހުންނަކަށް ނުފެނޭ
- މިހާރު އެކުލެވިގެންވާ ގޮތަށް ރައީސް އައްޔަނުކުރާ މެންބަރެއް އައްޔަނުކުރާ ކަށް ވެސް އާންމުންނަކަށް ނުފެނޭ
- ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލަކާއި އާންމުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް ހިމަނަން ގިނަ މީހުންނަށް ފެނޭ
- ނަމަވެސް އުއްތަމަ ފަނޑިޔާރު ކޮމިޝަނުގައި ހިމަނަން ގިނަ މީހުން ބޭނުމެއް ނުވޭ
މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީ އަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމެވެ.