ފާއިތުވެދިޔަ ވެރިކަންތަކުގައި ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ލާއިންސާނީ އަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ސިއްރު އަޑުއެހުންތަކުގައި ބަޔާން ދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ނަން ނޯޓުކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށް، އިތުރު ފުރުސަތެއް ދީފިއެވެ.

އޮމްބަޑްސްޕާސަން އޮފީހުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ލާއިންސާނީ އަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ސިއްރު އަޑުއެހުންތަކުގައި ބަޔާން ދިނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައެވެ. އޮމްބަޑްސްޕާސަން އޮފީހުން ބުނީ، އެ އޮފީހުގެ އިހްތިސޯސްގެ މުއްދަތުގައި ހައްޔަރުކޮށް ބަންދުކުރުމުގެ އެކި މަރުހަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން:

  • އިންސާނީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވޭތޯ ބެލިދާނެ ކަމަށް
  • ލާއިންސާނީ އަމަލުތައް ހިނގާފައިވާ މިންވަރު ބެލިގެން ދާނެ ކަމަށް

އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން، އެފަދަ މައްސަލަތައް ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތުދީ މައުލޫމާތު އެއްކުރެވޭނެ ކަމަށް އޮމްބަޑްސްޕާސަން އޮފީހުން ބުނެފައިވެއެވެ.

އެ އިއުލާނާ ހަވާލާދެއްވާ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ސޮއިކުރައްވައި އިއްޔެ ނެރުއްވި އިއުލާނުގައި ބުނީ، އޮމްބަޑްސްޕާސަން އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަޑުއެހުންތަކުގައި ބައިވެރިވެ، ބަޔާން ދިނުމަށް އެދި ނަންނޯޓު ކުރުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަށް އިތުރުކޮށްފައިވާ ކަމަށާއި، ބަޔާން ދިނުމަށް ބޭނުންވާ ފަރާތްތަކުން އެ މުއްދަތުގައި ނަންނޯޓު ކުރުމަށް އެދޭ ކަމަށެވެ.

ނަންނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން އޮމްބަޑްސްޕާސަންގެ އޮފީހަށް (7223473) ގުޅައިގެން، ނުވަތަ އެސްއެމްއެސް މެދުވެރިކޮށް، އަދި އީމެއިލްކޮށްގެން ވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް، އެ އިއުލާނުގައިވެއެވެ.

އިންތިގާލީ އޮމްބަޑްސްޕާސަން އޮފީހުގެ ދައުރު ހަމަވާ ގޮތަށް އޮތީ މި މަހުގެ 17 ގައެވެ. ނަމަވެސް އެ އޮފީހުގެ މަސައްކަތްތައް އަދިވެސް ނުނިމޭތީ، އެ އޮފީހުން ތަހްގީގުކުރަމުން ގެންދާ ބައެއް މައްސަލަތައް ފުރިހަމަ ކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާތީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވަންދެން، އެ އޮފީހުގެ މުއްދަތު ވަނީ ދަންމާލައިފައެވެ.