ބްރައިން އޯ ކީފޭ އޭނާގެ އުފަން ގައުމު އަޔަލޭންޑް ދޫކޮށް ސްޕައިނަށް ދިޔައީ އޮފީހުގެ ޓްރެއިނިން އަކަށެވެ. އޭނާ ސްޕެއިން އަށް ދިޔަ އިރު އޭނާގެ ހަށިގަނޑުގައި 153 ކިލޯ ހުއްޓެވެ. މިދިޔަ އަހަރު އޭނާ ސްޕެއިން އަށް ގޮސް އެނބުރި ހަތް މަސް ފަހުން ގައުމަށް އައި އިރު އޭނާ ހުރީ މުޅިން ހިއްކާލާފައެވެ. ގައުމަށް އައި އިރު އޭނާގެ ގައިގައި ހުރީ 91 ކިލޯއެވެ.

އޭނާގެ ބޮޑު ސަޕްރައިޒް އާއެކު މުޅި އާއިލާއިން ވެސް ތިބީ ހައިރާން ވެފައެވެ. ބްރައިން ބުނީ ހަށިގަނޑު ހިއްކާލުމަށް އޭނާ އެތަކެއް މަސައްކަތެއް ކުރި ކަމަށާއި ނަމަވެސް އެއްވެސް ހައްލެއް އެކަމަށް ނުލިބުން ކަމަށާއި ސްޕެއިން އަށް ގޮސް ވިސްނީ މުޅިން އާ ކަމެއް ތަޖުރިބާ ކޮށްލަން ކަމަށެވެ. އެގޮތުން ހަތް މަސް ދުވަސް ވަންދެން އާއިލާގެ ހުރިހާ މެންބަރުންނާ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ ހުރި ކަމަށް އޭނާ ބުންޏެވެ.

އިންސްޓަގްރާމުގައި ބްރައިން އޭނާގެ ވެއިޓް ލޮސް ޖާނީގެ ވާހަކަތައް ހިއްސާކުރަމުން ބުނީ ހަތް މަސް ދުވަހުގެ ތެރޭގައި އެންމެ ދުވަހެއް ވެސް އޭނާ އަރާމު ކުރަން އޮފް ދުވަހެއް ނުނަގާ ކަމަށެވެ.

"ހަތް މަސްތެރޭ އަހަރެންނަށް އެކި ކަހަލަ އިންޖަރީތަކެއްވި. އެކަމަކު އަހަރެން އެއްވެސް ވަރަކަށް މަސައްކަތް ކުރުން ހުއްޓައެއް ނުލަން. ވަރުގަދަ އަޒުމަކާއެކީ މަސައްކަތްކުރީ،"

އޭނާ ބުނީ ހަށިގަނޑުގެ އެކި ތަންތަން މަސްގުޅަ ކައިގެން އުޅުނުއިރު ވެސް ކަސްރަތު ކުރުން ހުއްޓާ ނުލާ ކަމަށާއި ފުރަތަމަ ދެ ހަފްތާގައި ކޮންމެ ދުވަހަކު 90 މިނެޓު ވަންދެން ހިނގީ ކަމަށެވެ. އޭގެ ފަހުން ހަފްތާއަކު ހަ ދުވަހު ވެއިޓް ލިފްޓު ހެދި ކަމަށާއި ހަފްތާއަކު ތިން ދުވަހު ފަތަން ދިޔަ ކަމަށެވެ. އަދި ހަފްތާ އަކު ތިން ދުވަހު ދުވަން ދިޔަ ކަމަށެވެ.

ބްރައިން ބުނީ ފުރަތަމަ ތިން މަސް އޭނާ އުޅުނީ ވަރަށް ހާލުގައި ކަމަށާއި ކަސްރަތަށް ގޮސް ކައިފައި ނިދުން ނޫން ކަމެއް ކުރާނެ ވަގުތެއް އޭނާ އަށް ނުލިބޭ ކަމަށެވެ. ތިންމަސް ދުވަހަށް ފަހު ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް އަންނަން ފެށުމުން ބަރުދަން ލުއި ކުރަން އިތުރު ހިއްވަރެއް ލިބިގެން ދިޔަ ކަމަށެވެ.