އިންޑިއާއިން، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް، ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ރާއްޖެއިން ނަގައިފިއެވެ.

މި ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރީ ފޮރިން މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވާޗުއަލްކޮށް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވީ، މި ފައިސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ އިގްތިސާދު ހަލުވިކަމާއެކު ކުރިއެރުވުމުގެ މަސައްކަތް ފަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި އެންމެ އަވަހަށް އިޖާބަދީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތް ކަމަށެވެ.

ޝާހިދު ވަނީ، ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ދިވެހި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފައިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެދިފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮގަސްޓް 2022 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީޒު ނަރެންދުރަ މޯދީ އާ އެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ފައިސާގެ އެހީ ފޯރުކޮށްދެނީ އެސްބީއައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ.

އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ދަރަނި މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ނަގާފައެވެ. އެއީ ތަރައްގީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.