ޗައިނާގެ ޝެންގްހައި މުޒާހަރާ ކަވަރު ކުރަން އުޅުނު ބީބީސީގެ ރިޕޯޓަރަކު ހައްޔަރު ކޮށް އޭނާ އަށް އަނިޔާ ކުރި ކަމަށް ބުނެ، ޗައިނާ އާ އެކު އޮތް ޒަމާންވީ ގުޅުން ނިމިއްޖެ ކަމަށް އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، ޔޫކޭއިން ގަބޫލު ކުރާ ހަމަތަކާއި ޔޫކޭގެ ބޭނުންވާ ކަންކަމަށް ޗައިނާގެ ސިޔާސަތުން ހުރަސް އެޅޭ ކަމަށާއި އެއީ މުޅި ނިޒާމަށް އޮތް ގޮންޖެހުމަކަށް ވެއްޖެ ކަމަށެވެ. ގައުމުގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ސުނާކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު، ޒަމާންވީ ވިޔަފާރީގެ ގުޅުމެއް އޮތް ޗައިނާ އާ ގުޅުން ކަނޑާލި ވާހަކަ ވިދާޅުވުމުން އޭނާގެ ޕާޓީގެ ބައެއް މެންބަރުންނަށް ވަނީ އެކަން ވަރަށް ކަމު ގޮސްފައެވެ.

ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން އުޅުއްވި އިރު، އޭނާ ވާދަ ކުރެއްވި ލިޒް ޓްރަސް އާ އޭނާ އާ އަޅާ ކިޔާއި، ސުނާކަކީ ޗައިނާ އާ މެދު "ލޮނުމަޑު ސިޔާސަތެއް" ގެންގުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެ އެ މެންބަރުން އޭނާއަށް އޭރު ފާޑުކިޔެވެ.

ޗައިނާއަށް ފާޑު ވިދާޅުވެ ސުނާކު އިތުރަށް ވިދާޅުވީ، ޗައިނާ އާ މެދު އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތު މުރާޖައާ ކުރަން ޖެހޭނެ ކަމަށާއި ހުރިހާ ދާއިރާއަކުން ބާރުގެ ބޭނުން ކޮށްގެން ޗައިނާއިން މުޅި ދުނިޔެއަށް ނުފޫޒުފޯރުވާން މަސައްކަތް ކުރާ ކަމަށެވެ.

"ވަރަށް ސާފުކޮށް މިބުނަނީ، ޗައިނާ އާ އެކު އޮތް ޒަމާން ވީ ގުޅުން ނިމުނީ، އޭގެ ތެރޭގައި އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުން ލިބޭނެ ކަމަށް ބުނެ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންވެސް ނިމުނީ"
ސުނާކް

ސުނާކު މިހެން ވިދާޅުވީ، ޗައިނާ އާއި ޔޫކޭގެ ގުޅުމާ ބެހޭ ގޮތުން 2015 ވަނަ އަހަރު ކުރީގެ ފިނޭންސް މިނިސްޓަރު ޖޯޖް އޮސްބޯން ދައްކަވާފައިވާ ވާހަކައަކާ ގުޅުވާފައެވެ.

ސުނާކް ވިދާޅުވީ، ޔޫކޭއިން ދެން މަސައްކަތް ކުރާނީ ސައިނޯ - ބްރިޓިޝް އެއްބަސްވުމާ ނުލައި އިންޑޯ ޕެސިފިކްގެ ގުޅުންތައް ވަރުގަދަ ކުރުމަށް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއިންނާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ހިމެނޭ ކަމަށް ވެސް ވިދާޅުވެއެވެ. ސުނާކް ވަނީ ޖީ20 ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ އާ ބައްދަލު ކުރައްވާ ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް ވަރުގަދަ ކުރަން މަޝްވަރާ ކުރައްވާފައެވެ. އަދި އިންޑިއާގެ 3000 ޒުވާނުންނަށް ޔޫކޭގައި މަސައްކަތް ކުރުމަށް ވިސާ ދެއްވާނެ ކަމަށްވެސް ވިދާޅުވެ، އޭނާގެ އާ ސިޔާސަތު ހާމަ ކުރެއްވިއެވެ.

ދާދި ފަހުން ބާލީގައި ނިމުނު ޖީ20 ގައުމު ތަކުގެ ވެރިންގެ ސަމިޓުގެ ހަވާސާގައި ސުނާކް އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން ބައްދަލުކުރައްވަން އޮތް ނަމަވެސް އެކަން ނުހިނގައެވެ. ސަބަބެއް ހާމަ ކޮށްފައި ނުވާ އިރު، އެމެރިކާ އެކޭ އެއްގޮތަށް އިންގިރޭސިވިލާތުން މިހާރު ވަނީ ޗައިނާގެ ކުންފުނިތަކުން އުފައްދާ ސެކިއުރިޓީ ކެމެރާ އިންގިރޭސިވިލާތުގައި ބޭނުން ކުރުން މަނާކޮށްފައެވެ. އަދި ޗައިނާގެ ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ސަގާފަތާއި ބަސް ކުރިއަރުވަން އިނގިރޭސިވިލާތުގައި ކުރާ ހުރިހާ މަސައްކަތެއްވެސް ހުއްޓުވާނެ ކަމަށް ސުނާވް ވަނީ ވިދަޅުވެފައެވެ. މީގެ އިތުރުން ޗައިނާގެ ސައިބާތްރެޓްސް (ކޮމްޕިއުޓާ ނެޓްވޯކެއް ނުވަތަ ސިސްޓަމްތަކެއް ހަލާކު ކޮށްލުމަށް ދޭ ސައިބާ ހަމަލާ) ތައް ނައްތާލައި ޗައިނާއިން ހިންގާ ސްޕައި (ސިއްރިއްޔާތުގައި ފާރަވެރިވެ މައުލުމާތު ހޯދުން ނުވަތަ ޖާސޫސް ކުރުން) ކުރުމުގެ ހަރަކާތްތަކަށް ފާރަވެރިވާން އިނގިރޭސި ކުންފުނިތައް ބާރުވެރި ކުރުވާނެ ކަމަށެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ޗައިނާގައި ތަމްފީޒު ކުރަމުން ދާ ކޮވިޑް ޒީރޯ ސިޔާސަތާ ހުރެ ޗައިނާގެ ބޮޑެތި ބައެެއް ސިޓީތަކުގައި ހިނގަމުންދާ މުޒާހަރާތައް ކަވަރު ކުރަން އުޅުނު ބީބީސީގެ ރިޕޯޓަރަކަށް އަނިޔާކޮށް ގަޑިއިރުތަކަށް ހައްޔަކު ކުރި މއްސަލަ ހޫނުވެފައި ވަނީ އިއްޔެއެވެ. މި މައްސަލައިގައި ޗައިނާއިން ރަސްމީ ސިފައެއްގައި ޖަވާބުދާރީ ނުވާ ކަމަށް ބީބީސީން ބުނެފައި ވާ އިރު އިނގިރޭސި ސަރުކާރުން ވަނީ މި މައްސަލައިގައި ޗައިނާ އާ ސުވާލު ކޮށްފައެވެ.