ހދ. ނޮޅިވަރަންފަރު / ނޫރަންވިލާ، ހުސައިން އާލިމް (31އ) ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އޭނާ ގެއްލިގެން އެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެދުރު ފަހު 2:45 ހާއިރު ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ވަނީ ގެއްލިފައި ކަމަށެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯ އާއި މައުލޫމާތު އާންމު ކޮށްފައެވެ.

ނަމަވެސް އޭނާ އެންމެ ފަހުން ހުރީ ކޮން ރަށެއްގައި ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އާއިލާއިން ރިޕޯޓް ކުރި އިރު އެ އާއިލާ އަކީ މާލޭގައި ނުވަތަ ނޮޅިވަރަމްފަރުގައި އުޅެމުންދާ ބައެއް ކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރަުތެރޭ ވެސް މީހުން ގެއްލިގެން މި ފަދައިން ރިޕޯޓްކޮށްފައިވާ ހާދިސާތައް އެބަހުއްޓެވެ. އެގޮތުން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނެއް ދެ ހަފްތާ ފަހުން ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އެ މައްސަލައިގައި އެ ޒުވާނާ ފެނުނު އިރު ފުލުހުން އެކަށީގެންވާ މިންވަރަށް އޭނާ ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަަމށް ބުނެ ފުލުހުންނަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.