ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގަތުލުއާންމެއް ހިންގަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ތުހުމަތު ކުރެއްވުމުން އަބުރުގެ ދައުވާކޮށް 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ރައީސް ނަޝީދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ނަޝީދުގެ އަބުރާ ބެހިވަޑައިގެން، އަބުރަށް ގެއްލުން ލިބޭގޮތަށް ޝަރީފް ޓްވީޓް ކުރައްވާފައި ވާތީ އަބުރާބެހުމުގެ އަމަލެއް ހިންގާފައި ވާކަމަށް ކަނޑައަޅައި ދީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދި މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަަމަށެވެ.

މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި އެދިފައި ވަނީ އެމަނިކުފާނަށް ނިސްބަތްކޮށް އިބްރާހިމް ޝަރީފް ނޮވެމްބަރު 25، 2022 1:37 ގައި ޕަބްލިޝްކޮށްފައިވާ ޓުވީޓުގައި ލިއެފައިވާ ދޮގު ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10،000،000 ރުފިޔާ ނަގައިދިނުމަށެވެ.
ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާން

ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ.

އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ނަޝީދު 50 މީހުން މަރަން އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށެވެ. އަދި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

ޝަރީފްގެ އިލްޒާމުތައް ރައީސް ނަޝީދު ދޮގުކުރައްވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.