ހދ. ފިނޭ އަދި މ. މުލި ބަނދަރުގެ މަޝްރޫއު އާއި ރ. ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ބުނީ، ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި 219 މީޓަރު ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 82 މީޓަރު ރިވެޓްމެންޓް ޖެހުން އަދި 25 މީޓަރު ގްރޮއިން ޖެހުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެއްގަމު ތޮށި ޖެހުމާއި 248 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 90 އަކަ މީޓަރު ރޭންޕެއް ހެދުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 19 މަގު ބައްތި ހަރުކުރުން އަދި 2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 47.2 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.
އެމްޓީސީސީން ބުނީ، މުލި ބަނދަރުގެ ރީކޮންސްޓްރަކްޝަން މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓަރު ޖެހުމާއި 89 މީޓަރު ރިވެޓްމެންޓް ޖެހުމާއި 479 މީޓަރު އެއްގަމު ތޮށި ޖެހުން އަދި 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 10 މޫރިން ބޮއި ހަރުކުރުމާއި 100 އަކަ މީޓަރު ރޭންޕެއް ހެދުމުގެ އިތުރުން އެކްސެސް ޕްލެޓްފޯމް އެޅުމާއި 3 މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 27 މަގު ބައްތި ހަރުކުރުން އަދި 2370 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 65.5 މިލިއަން ރުފިޔާއަށެވެ.
ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 157 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 45 މީޓަރުގެ ފަސް ޓީ ގްރޮއިން އާއި 55 މީޓަރުގެ ޓީ-ގްރޮއިން އަދި އިތުރު ގްރޮއިންގެ ގޮތުގައި 43 މީޓަރު ގާއިމްކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަސައްކަތަކީ 17.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މިމަސައްކަތް ހަވާލު ކޮށްފައިވަނި 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.