މި ހިނގާ ނޮވެމްބަރު 21 ގައި ޗައިނާގެ ޔުނާން ޕްރޮވިންސްގައި ބޭއްވި އިންޑިއަން އޯޝަން ފޯރަމް ގައި ބައިވެރިވާން ދިވެހި ސަރުކާރަށް ދައުވަތު ދިން ކަމަށާއި އެ ފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރި ނުވުމުން ހިތާމަ ކުރާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ދެމެހެއްތެނިވި ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި އިންޑިއަން އޯޝަންގެ ގައުމުތަކުގެ މެދުގައި އެއްބާރުން އިތުރު ކުރުމުގެ އަމާޒުގައި ބޭއްވި މިފޯރަމަކީ، ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ނުހަނު ބޭނުން ފޯރަމެއް ނަމަވެސް ދިން ދައުވަތު ގަބޫލު ނުކުރި ކަމަށެވެ.

އަދި މިހާރުގެ ސަރުކާރުން ޕްރޮމޯޓު ކުރާ "ނޫ އިގްތިސޯދުގެ" ސިޔާސަތުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި ދިން ފުރުސަތަކީ މުހިންމު ފުރުސަތެއް ކަމަށް ބުނެފައި ވެއެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ކަމަށާއި އެމަނިކުފާނު ބައިވެރިވެ ވަޑައިގަތީ ތަޖުރިބާކާރެއްގެ ހައިދިއްޔަތުން ކަމަށާއި އެމަނިކުފާނުގެ ތަޖުރިބާ އެ ފޯރަމްގައި ހިއްސާ ކުރެއްވި ކަމަށެވެ.

މި ފޯރަމްގައި، އދ އިން ކަނޑައަޅާފައިވާ އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް ގެ އަމާޒަށް ވާސިލުވުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރި ކަމަށާއި ނޫ އިގުތިސޯދު ކުރިއެރުވުމާއި ތަރައްގީގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަޝްވަރާ ކުރި ކަމަށެވެ. މިއާއެކު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ކުޑަކުރުމަށް ޗައިނާ އާއި ގައުމުތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ދޭނެ ފައިސާ އާއި ޓެކްނިކަލް އެހީ ތައްޔާރަށް ހުރި ކަމަށް ޗައިނާއިން ބުނެފައި ވެއެވެ. މީގެ އިތުރުން ޗައިނާ އާއި ގައުމުތައް ގުޅިގެން މިދާއިރާއިން މަސައްކަތް ކުރާނެ ތިންކް ޓޭންކެއް އުފެއްދުމަށް މި ފޯރަމްގައި ގައުމުތަކުން އެއްބަސްވެފައި ވެސް ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ހުޅުވާލެވިފައިވާ ސިޔާސަތަކާއެކު ގައުމުތަކާއެކު މަސައްކަތް ކުރުމަށް ޗައިނާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެގައުމެއްގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސް ނެންގެވުމަށް ބޭއްވި މި ފޯރަމްގައި 19 ގައުމެއްގެ އިސް އޮފިޝަލުންނާއި ބައިނަލްއަގްވާމީ 3 ޖަމިއްޔާ އަކުން ބައިވެރި ވިއެވެ.

މި ފޯރަމްގައި ބައިވެރި ނުވެ ބުނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޖ) ގައިވާ ގޮތުގެ މަތިން، ގައުމުގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި، އަމަލު ކުރުމާއި، ބެލެހެއްޓުމާއި، ބޭރުގެ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއެކު ސިޔާސީ ގުޅުން ހިންގޭނީ ހަމައެކަނި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ އުސޫލުގައިވާ ގޮތުން ރާއްޖެ ތަމްސީލުކުރުމަށް ބާއްވާ ބައްދަލުވުންތަކާއި ފޯރަމްތަކާއި ކޮންފަރެންސްތަކަށް ރަސްމީ އެކްރެޑިޓޭޝަން އޮންނާނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ.